ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށިޚިދުމަތްތައް އިފްތިތާޙު ކޮށްދެއްވައިފި
ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް ފެށި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.
ހުޅުމީދޫ ސއްޙީ މަރުކަޒުގައި އަލަށް ފަށާފައި ވަނީ ލޮލުގެ ފަރުވާ އާއި ދަތުގެ ފަރުވާއާ ކަރުންމަތީގެ ބަލިތަކުގެ ފަރުވާގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ފިޒިއޮތެރަޕީއާ ޑަޔަލަސިސްގެ ޚިދުމަތެވެ. މިޚިދުތްތައް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެޚިދުމަތްތައް ދިނުމަށް ތައްޔާރުކުރެވިފައިވާ ކޮންސަލްޓޭޝަން ރޫމްތަކާއި އިންތިޒާމްތައް ބައްލަވާލައްވައި، ސިއްޙީ މަރުކަޒުން ޚިދުމަތް ހޯއްދެވުމަށް ވަޑައިގެންތިއްބެވި ބައެއް އާއްމުންނާއިވެސް ބައްދަލު ކުރައްވާފައެވެ.
މިޚިދުމަތްތައް އިފްތިތާޙްކުރުމުގެ ގޮތުން ސ އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސިއްޙީ ޚިދުމަތްތައް ފުޅާކުރުންކަމަށެވެ. އަދި ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަލަށް މިފެށުނު ޚިދުމަތްތަކަކީ، ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މިދެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސިއްޙީ ޚިދުމަތައް ތަރައްޤީކުރުމުގެ އިތުރު މަސައްކަތްތައް ކުރިޔަށް ރޭވި ހިނގަމުންދާނެ ކަމަށެވެ.
މިގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމާއި، އަތޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައް ރޭވި ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގެމުންދާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ހިންގެމުންދާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ހުޅުމީދޫ ސިއްޙީ މަރުކަޒަކީ، 16 އެނދުގެ، 24 ގަޑިއިރު ޚިދުމަތްދޭ ސިއްޙީ މަރުކަޒެކެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުމީދޫގައި ހުންނަ ހުޅުމީދޫ ސިއްޙީ މަރުކަޒު ހިންގަމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ދަށުންނެވެ.
އަދި ވަކި ތާވަލެއްގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ހުޅުމީދޫ ސިއްޙީ މަރުކަޒުގައި އަންނަނީ ފަރުވާދެއްވަމުންނެވެ.