ޚަބަރު

މިނިސްޓަރު ޒަހާއަށް ނަޝީދު ދެއްވީ އޭ ރިޕޯޓެއް

ދެން އެމްވީ ، ދެން އޮންލައިން

ވަޒީރެއްގެ ހައިސިއްޔަތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "އޭ" ރިޕޯޓެއް ދެއްވައިފިއެވެ.

Ads by MWSC

ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަހާ ޖަވާބު ދެއްވުމާ އެކު، ނަޝީދު ވަނީ ޒަހާ އަށް "އޭ" ރިޕޯޓެއް ދެއްވައި އޭނާ ދެއްވި ބައެއް ޖަވާބުތައް ދިފާއު ކުރައްވައިފަ އެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މިނިސްޓަރު ޒަހާ ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު އޭގެ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަނުން އޮތީ ރާއްޖޭގެ މަސް ނުގަންނަ ހިސާބަށް ގޮސްފައި ކަމަށާއި ނަމަވެސް މިނިސްޓަރު ޒަހާގެ ވަޒީރުކަމުގައި މިދިޔަ އެއް އަހަރު ދުވަހު ކުރެއްވި މަސައްކަތުން އެކަން ރާއްޖެ އަރައިގެންފައިވާ ކަމަށެވެ.

އަދި ޔޫރަޕިއަން ޔޫނިއަނުން ބޭނުންވާ ސްޓޭންޑާޑް މިހާރު އަލުން ގާއިމުކުރެވިފައިވާ ކަމަށާއި އެކަމަށްޓަކައި މިނިސްޓަރު ޒަހާ އަށް މަރުހަބާ ދަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު ރިޕޯޓު ކާޑުގައި ޖަހަން ވެއްޖެނަމަ، އަޅުގަނޑު ހިތުން އޭ އަކަށް އިއްޒަތްތެރި ވަޒީރު މިހާރު ވަޑައިގެންފި" ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ނަޝީދު ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ޖަވާބުތައް ވަރަށް ފުރިހަމަ ކަމަށް ވިދާޅުވެ، އެ މިނިސްޓަރަށް އޭ ސްޓާއެއް ވެސް ދެއްވާފައެވެ.

އެމްއާރުއެމްގެ ސްލޮޓްގައި ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަން ކުރައްވާފައިވާ ޒަހާ ވަހީދު ވަކިކުރާނެ ކަމުގެ އިންޒާރު ދީ، އަދި އޭނާ އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ދާދިފަހުން ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!