ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

އިސްލާމިކް މިނިސްޓްރީން އެކުލަވާލައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި މާލެ ސަރަހައްދުން އަލަށް ރަޖިސްޓްރީވާން އެދޭ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރެއްވި އިއުލާނުގައިވާ ގޮތުން ފޯމު ހުށަހެޅޭނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އަންނަ ޖަނަވަރީ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރަސްމީ ކޮންމެ ބަންދު ނޫން ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ފޯމު ހުށަހެޅޭނެއެވެ. އިސްލާމިކް މިނިސްޓްރީގެ ކައުންޓަރު އަދި ވެބްސައިޓް މެދުވެރިކޮށް ފޯމު
ލިބޭނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގައި އެކަމަށް ޚާއްސަކޮށްފައިވާ ކައުންޓަރުތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އަހަރު މުދަލު ޒަކާތު ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކުން އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި ޖެނުއަރީ 19 އަށް 18 އަހަރު ނުވަތަ 64 އަހަރު ފުރޭ މީހުން ތިބިނަމަ އެ ޢާއިލާއަކުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.