ޚަބަރު

ގުޅީފަޅު އަލިފާނުގެ ހާދިސާ: ކާކުގެ ހަށިގަނޑެއްކަން ދެނެގަނެވޭނީ ޑީއެންއޭއަށް ފަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިލަމާލޭ ބްރިޖު އެޅުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅެމުން އައި އެކަކު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާއިރު އެއީ ގެއްލުނު މީހާކަން ޔަގީން ކުރެވޭނީ ޑީއެންއޭ ހަދައިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

Ads by STELCO

އެފްކޮންސް އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ވަގުތު ވެސް ގެއްލުނު މީހާގެ އާއިލާއާ ގުޅައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ފެނިފައިވަނީ ކާކުގެ ހަށިގަނޑެއްކަން ޔަގީން ކުރެވޭނީ ޑީއެންއޭ ޓެސްޓަކަށް ފަހު ކަމަށް އެފްކޮންސް އިން ބުންޏެވެ.

ގުޅީފަޅުގައި ހިނގި އަލިފާނުގެ އެ ހާދިސާގައި އެކިވަރުގެ އަނިޔާވެގެން 78 މީހަކު ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭގެތެރެއިން، 32 މީހަކު ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނުއިރު، ކުދި އަނިޔާވި 24 މީހަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ.