އަމާޒަކީ އަބަދުވެސް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުންކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއަށް 73 އަހަރު ފުރުމުގެ މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ، ސިނާއަތުގެ އިހުގެއާއި މިހާރުގެ އެންމެހާ ޚިދުމަތްތެރީންނަށް ފޮނުއްވައި އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނީ، ދިވެހީންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުވައިދިނުމަކީ އަބަދުވެސް ކުންފުނީގެ އަމާޒު ކަމަށެވެ.
1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދޭން ފެށިއިރު، މާލޭގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އުފައްދައިފައި ވަނީ 1997 ވަނަ އަހަރުއެވެ.
އިޖުތިމާޢީ ގިނަކަންކަންވެސް ކޮށްދެމުން އަންނަ ސްޓެލްކޯގެ 73 އަހަރުގައި ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން 19 ވަނަ އޭޝިއަން އެޗްއާރް ލީޑާޝިޕް އެވޯޑްސްގެ ''އެވޯޑް ފޯ އިންްސްޓިޓިއުޝަން ބިލްޑިންގ'' ގެ އެވޯޑު 2021 ގައި އެ ކުންފުންޏަށް ވަނީ ލިބިފައެވެ.
މީގެއިތުރުން 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑު ވެސް ލިބިފައިވެއެވެ.