ދުނިޔެ

ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ނުވެ، ފަސް މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމާ އެކު ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، މި ބަލީގައި އިތުރު ފަސް މީހުން މަރުވެއްޖެއެވެ. މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 5,242 އަރާފައެވެ. ނަމަވެސް، މިއީ އެހެން ޤައުމުތަކާ އަޅައިބަލާއިރު މަދު އަދަދެކެވެ.

Ads by Sosun Fihaara

ޗައިނާއިން މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަމުން ގޮސްފައި ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކަކަށެވެ. ނަމަވެސް، މި މަހުގެ ތެރޭގައި އެ ފިޔަވަޅުތަކަށް ލުއިދޭން އެ ޤައުމުން ވަނީ ފަށާފައެވެ. އެއާއެކު، ކޭސްތަކުގެ އަދަދު ކޮންޓްރޯލް ކުރަން ދަތި މިންވަރަކަށް މި ވަނީ އިތުރުވެގެން ގޮސްފައެވެ.

ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް އިތުރުވެ، ބަލި މީހުންނަށް ފަރުވާ ކުރުމަށް ޗައިނާގެ ޞިއްޙީ ނިޒާމު މިހާރު އޮތީ ނުކުޅެދިފައެވެ. ޗައިނާއިން މިހާރު ދަނީ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް އިތުރު މަރުކަޒުތައް އަޅައި، ބަލި މީހުންނަށް ޚާއްޞަކޮށްފައިވާ އެނދުގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި، ހުން އަންނަ މީހުންނަށް ފަރުވާ ކުރުމަށް އިތުރު ނިޒާމެއް ޤާއިމު ކުރުމަށް ވެސް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލުމުން ބައެއް ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެމެރިކާއިން ބުނީ، އެހާ ހަލުވި މިނެއްގައި ކޮވިޑްގެ ކޭސްތައް ޗައިނާގައި އިތުރުވަމުންދާ ނަމަ، އެ ކަމުގެ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރާނެ ކަމުގައެވެ.

އަދި، ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ އިތުރުވުމުން، ބަލީގެ އައު ވޭރިއެންޓްތައް އުފެދުމުގެ ފުރުޞަތު ވެސް އިތުރުވެފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ. އެމެރިކާއިން ޗައިނާއަށް މި ފަދަ ފާޑިކިޔުންތަކެއް އަމާޒުކޮށްފައިވީ ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަމަލު ކުރަމުންދިޔަ "ޒީރޯ ކޮވިޑް" ސިޔާސަތަށް ވެސް އެމެރިކާއިން ކުރިން ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަމެވެ.

ޗައިނާއިން "ޒީރޯ ކޮވިޑް" ސިޔާސަތު ދޫކޮށްލައި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި ވަނީ ޑިސެންބަރު 7ވަނަ ދުވަހުއެވެ. އެއާއެކު، ބަލި ފެތުރުން އިތުރުވެ، ހޮސްޕިޓަލްތައް ފުރުނެވެ. އަދި، ބޭސްފިހާރަތަކުން ހުމާއި ރޯގާއަށް ބޭނުންކުރާ ބޭސްތައް ހުސްވިއެވެ. ކޭސްތަކުގެ އަދަދުތައް އިތުރުވެ، ވިޔަފާރިތަކަށް ވެސް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޗައިނާގެ 1.4 ބިލިޔަން މީހުންގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ބަލި ޖެހޭނެ ކަމުގައި ޞިއްޙީ. މާހިރުން އަންދާޒާ ކުރެއެވެ. އެއީ، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައެވެ. އަދި، ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، ދެ މިލިޔަނަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވުމުގެ ފުރުޞަތު އޮތް ކަމުގައި ވެސް މާހިރުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!