އެންސްޕާގެ ކުރީގެ ސީއީއޯ މުޖުތަބާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖުތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ކަނޑައަޅައި ދެއްވުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުއްވައިފިއެވެ.
މުޖުތަބާގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ކަނޑައަޅައި ދެއްވުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުއްވީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގެ މަސައްކަތް އުސޫލުތަކާއި ޚިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލައިގައެވެ.
އޭސީސީން ވިދާޅުވީ އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގެ ހުއްދައަށް އެދި އެންސްޕާގެ އޭރުގެ ސީއީއޯ މުޖުތަބާ ޖަލީލު ސޮއިކުރައްވައި އެންސްޕާއިން ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއާއެކު އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކޯޓޭޝަންތަކަކީ އެއް ވިޔަފާރި އަނެއް ވިޔަފާރިއާ ގުޅުން އޮންނަ އަދި މުޖުތަބާ ޖަލީލާ ވެސް ގުޅުން އޮންނަ ވިޔަފާރިތަކުން ހުށަހަޅާފައިވާ ކޯޓޭޝަންތަކެއްކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށެވެ.
މި މައްސަލައިގައި މުޖުތަބާގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.