ޚަބަރު

ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްބޭފުޅުން ލ. އަތޮޅަށް

އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ކޮންގްރެސްގެ އިސް ބޭފުޅުން ލ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އެ ދަތުރުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެޕާޓީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވައެވެ.

އެ ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ މިރޭ ލ. އަތޮޅުގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމެއް މާދަމާ މ. އަތޮޅަށް ފުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމު މި މަސައްކަތުގައި މިހާރު މި ފުރަނީ ލ. އަތޮޅަށް. އޭގެ އިތުރުން މ. އަތޮޅަށް މާދަމާ އަޅުގަނޑުމެންގެ ޓީމެއް އެބަ ފުރާ. ބޭނުމަކީ އަޅުގަނޑުމެންގެ ޕާޓީގެ ރޫހު އަތޮޅުތަކުގައި ވަރުގަދަކުރުމާއި، އަދި ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގެ މަސައްކަތް ކުރިއަށްގެންދިއުމަށް،" ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަތޮޅުތަކުގައި ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަތޮޅުތަކުގައި ކުރިއަށްދަނީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުންނާއި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސޮއިކުރަމުންދާ ޕެޓިޝަންގެ މަސައްކަތް ކަމަށެވެ.

"މިގޮތުން މިހާރުވެސް އަޅުގަނޑުމެންގެ ޓީމުތައް ރާއްޖޭގެ އެތަން މިތާންގައި އެބަ ހަރަކާތްތެރިވޭ. އޭގެ ތެރޭގައި އައްޑޫ ސިޓީގައި އަޅުގަނޑުމެންގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދޭ. ގދ. ގައި ހަރަކާތެރިވަމުން އެބަދޭ. އަދި ގއ. ގައި ހަރަކާތްތެރިވަމުން އެބަދޭ. ތ. އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދޭ. އޭގެ އިތުރުން އަޅުގަނޑުމެންގެ ޓީމުތައް ނުދިޔަ ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިއާއެކީގައި މި މަސައްކަތް ކުރިއަށް އެބަދޭ،" ޕީއެންސީގެ ރައީސް ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސްގެ ކޮންމެ ދަތުރެއްގައި ވެސް އެ ދެ ޕާޓީއަށް އެތައް ސަތޭކަ މީހުން ވަންނަމުންދާ ކަމަށާއި އަމިއްލައަށް މަސައްކަތްނުކުރި ނަމަވެސް، ރަށްރަށުގައި ތިބި ސަޕޯޓަރުން އިސްނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ކޮންމެ ދުވަހަކީ ވެސް އެ ދެ ޕާޓީއަށް އިތުރު އާ މެމްބަރުންތަކެއް ގުޅޭ ދުވަހެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!