2 ކިލޯ ޑްރަގާއެކު ބިދޭސީއަކާއި ދެ ދިވެހިން ހައްޔަރުކޮށްފި

ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ ސްވިޒަލޭންޑުގެ ފިރިހެނަކާއި ދިވެހި ދެ ފިރިހެނުންނެވެ.
އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ސްވިޒަލޭންޑް މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދިންއިރު ދެން ތިބި ދެ މީހުންގެތެރެއިން އެކެއްގެ ބަންދަށް ދިނީ 10 ދުވަހެވެ. ދެން ހުރި މީހާގެ ބަންދަށް ދިނީ 15 ދުވަހެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ސްވިޒަލޭންޑް މީހާ މާލެ ގެނައި ލަގެޖުން ފެނުނު ތިން ރަބަރު ޕެކެޓުގައި 2.2 ކިލޯގްރާމް ހުރިއިރު އެ ތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވާއިރު މަސްތުވާތަކެއްޗާ ހަވާލުވުމަށް ބޭރު މީހާ ހުރި ގެސްޓު ހައުސްއަށް ދެ ދިވެހިން ގޮސްފައިވާ ކަމަށެވެ.