ކޮވިޑް-19 ކޮންޓްރޯލް ކުރަން ޓައިވާނުން ޗައިނާއަށް އެހީވާން ހުށަހަޅައިފި
ހަލުވިކަމާ އެކު ޗައިނާގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ތައިވާނުން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ރައީސް ސައި އިންގް-ވެން ވިދާޅުވެއްޖެއެވެ. ޗައިނާގައި ހަލުވިކަމާ އެކު ބަލި ފެތުރެން ފަށާފައި ވަނީ، އެ ކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ޑިސެންބަރު 7 ވަނަ ދުވަހު އުވައިލުމާ ގުޅިގެންނެވެ.
އެ ނިންމުމާ އެކު ވެރިރަށް ބެއިޖިންގްގެ އިތުރުން ބޮޑެތި އެހެން ރަށްތަކުގައި ކޮންޓްރޯލް ނުކުރެވޭހާ ހަލުވި މިނެއްގައި ބަލި ފެތުރެން ފަށާ، ބަލި ޖެހެމުންދާ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. އެ ޤައުމުގެ ބޮޑެތި ރަށްތަކުގައި ދުވާލެއްގެ މައްޗަށް 50,000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހެމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމުގައި ސައި ވިދާޅުވެފައި ވަނީ އައު އަހަރުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ތައިވާނުގެ މިނިވަންކަމުގެ މައްސަލައިގައި ޗައިނާއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އިތުރުވެފައިވާ ވަގުތެއްގައެވެ. އަދި، ޗައިނާއިން ތައިވާނަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
"މިއީ، އިންސާނީ އެހީތެރިކަމަށް ޗައިނާގެ ރައްޔިތުން ބޭނުންވެފައިވާ ވަގުތެއް. މި ފަދަ ބޭނުންތެރި ވަގުތެއްގައި އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ތައިވާނުން އޮތީ ތައްޔާރަށް. އަމާޒަކީ، ވީހާވެސް ގިނަ ބަޔަކު ބަލިން ސަލާމަތްކޮށްދިނުން. އަދި ކުރިއަށް އޮތީ ދުޅަހެޔޮ އައު އަހަރަކަށް ހަދަން އެހީތެރިވުން،" ސައި ވިދާޅުވިއެވެ.
ތައިވާނުގައި ހުސްވި އަހަރުގެ ތެރޭގައި ހަލުވިކަމާ އެކު ކޮވިޑް ބަލި ފެތުރެން ފެށުމާ އެކު ޗައިނާއިން ވަނީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި، ތައިވާނުން ވަނީ، ކޮވިޑާ ގުޅޭ މަޢުލޫމާތު ޗައިނާއިން ސިއްރު ކުރަން މަސައްކަތް ކުރާ ކަމަށާއި، ވެކްސިން ހޯދުމަށް ތައިވާނުން ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއަޅަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.
ބެއިޖިންގްއިން މި ތުހުމަތުތައް ދޮގުކޮށްފައިވާއިރު، ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމުގައި ސައި ވަނީ ވިދާޅުވެފައެވެ. އަދި، ހަނގުރާމައަކީ އެއްވެސް ހާލެއްގައި ހައްލެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.