މީހުން ލައިފްސްޓައިލް

ޒިލާ: ބާސްކެޓް ދުނިޔޭގެ “ކިންގް”

ޝާމިލާ އިބްރާހިމް ، ދެން އޮންލައިން
ފޮޓޯ: ކިންގްސް ބީސީ

'ކިންގްސް ބާސްކެޓްބޯލް' ގެ 6 ނަންބަރު ޖޯޒީގެ ވެރިޔާ މުހައްމަދު ޒިލާލް ނުވަތަ އާންމު ނަމުންނަމަ ޒިލާގެ ނަމަކީ ކުޅިވަރު އާއިލާއަށް އާ ނަމެއް ނޫނެވެ. ހަމަ އެގޮތަށް އޭނާގެ ދިރިއުޅުމުގައި ވެސް ވަކި އާ ވާހަކައެއް ނެތެވެ.

Ads by STELCO

އެކަމަކު އޭނާއަށް ކުޅިވަރު އާއިލާއިން ދީފައިވާ ލަގަބާއި އިއްޒަތާ ޝަރަފް އަދިވެސް އޮތީ ހަމަ އެގޮތުގައެވެ. އެކަމުގެ ފުރިހަމަ މިސާލަކީ، ދާދިއިހަކަށްދުވަހު އޭނާ ކުޅުނު 6 ނަންބަރު 'މުސްކުޅިކޮށް' އެހެން މީހަކަށް ބޭނުން ނުކުރެވޭނެހެން 'ބަންދު' ޓެގް އެޅުވުމެވެ.

މިއީ ހަމަ "ކިންގް"އެއް

"ކުރީގަ ރާއްޖޭގައި ސްކޯ ބޯޑް އިންނަ ގޮތުން 4 ކުން 15 އަށް ޖޯޒީ ނަންބަރުތައް އިންނަނީ. އެކަމަކު ރޫލްސް އިންނަ ގޮތުން 0 އިން 99 އަށް ބޭނުން ނަންބަރަކަށް ކުޅެވޭ. ދެން އެ ރޫލް ބަދަލުވި ހިސާބުން ކްލަބުގެ މެނޭޖްމެންޓުން ނިންމީ ޒިލާގެ ޖޯޒީ ނަންބަރު ރިޓަޔަރ ކުރަން." ޒިލާ ބުނި ގޮތުގައި އެއީ ބާސްކެޓްބޯޅަ ކުޅޭ ހުރިހާ ޤައުމެއްގައި ވެސް އާންމުކޮށް ކުރާ ކަމެކެވެ.

ފޮޓޯ: ޔޫތް މިނިސްޓްރީ - ޓުވިޓާ

"އެ ކްލަބެއްގެ ލެޖަންޑަރީ ޕްލޭޔާސްގެ ޖޯޒީ ނަންބަރސް ރިޓަޔަރ ކުރާނީ، އެ ކުޅުންތެރިއެއްގެ އަގުވަޒަން ކުރުމުގެ ގޮތުން. ދެން އެ ކްލަބެއްގައި އެ ނަންބަރެއް ބޭނުމެއް ނުކުރާނެ. އެ ގޮތަށް ކިންގްސުން ވެސް ބޭނުންވީ ކުޅުންތެރިއެއްގެ ގޮތަށް ކުޅުން ހުއްޓާލީމަ، ޒިލާގެ ޖޯޒީ ނަންބަރު 6 ރިޓަޔަރ ކުރަން." އުމުރުން 37 އަހަރުގެ ޒިލާ ބުންޏެވެ.

"އެންމެ ޓޮޕް ލެވެލްގައި ބާސްކެޓް ކުޅެންޏާ ފުދޭ ވަރަކަށް މަސައްކަތް ކުރަން ޖެހޭ. އެކަމަށް ޑެޑިކޭޓްވެގެން ކުޅެން ޖެހެނީ. ކުރީގަ ބާސްކެޓަށް ދިން ވަގުތު ދެވެން ނޯންނާތީއާ އިންޖަރީސް ވެސް ހުރީމަ ރިޓަޔާ ކުރީ."

ކެރިއަރުގެ ފެށުމާއި ކުޑައިރުގެ ހަނދާންތައް

އޭނާ މި ދާއިރާއަށް ނެރެދެނީ މި ދާއިރާގައި މަޝްހޫރު އޭނާގެ ބޮޑުބޭބެ އަބްދުﷲ އާމިރެވެ. އުމުރުން 12 އަހަރުގައި ކޯޗިން ކޭންޕެއްގައި ޒިލާ ބައިވެރިކުރުވި ހިސާބުން ބޯޅައިގެ ދުނިޔެއަށް އެ ކުޑަކުޑަ ހިތް އޭރު ލެނބުނީއެވެ.

"ތާޖުއްދީން ސްކޫލްގައި އުޅުނު އިރު އެޓްލެޓިކްސްގައި އުޅުނީ. ދެން ފަހުން މަޖީދީއާއަށް ގޮސް، އިންޓަހައުސްއިން ބާސްކެޓް ތެރެއަށް ވަދެވުނީ. ދެން ވައިޑީޕީ (ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމް)ގެ ތެރެއިން ނެޝަނަލް ޓީމަށްވެސް ފުރުސަތު ލިބުނީ. ގްރޭޑް 10 ގައި އުޅެނިކޮށް ސީނިއަރ ނެޝަނަލް ޓީމުން ފުރުސަތު ލިބުނީ." އޭރުގެ ހަނދާންތައް އާ ކުރަމުން ޒިލާ ބުނީ މިހެންނެވެ.

ފޮޓޯ: ކިންގްސް ބީސީ

"ސްކޫލްގަ އުޅުނު އިރުވެސް ނެޝަނަލް މުބާރާތަކުން ފެށުމުގެ ބަދަލުގައި، ކެރިއާ ފުރަތަމަ ވެސް ސްޓާޓް ކުރީ އިންޓަނޭޝަނަލް މުބާރާތަކުން. އެހެންވީމަ ކެރިއާ ނިންމާލަން ވެސް ހިތަށް އެރީ އިންޓަނޭޝަނަލް މުބާރާތަކުންނޭ ނިންމާލާނީ. އެގޮތުން އެންމެ ފަހުން ކުޅުނީ 2019 ގައި."

މި ހިސާބުން އުފެދެނީ ސުވާލެކެވެ؛ ރާއްޖެ ކަހަލަ ފުޓުބޯޅަ ގައުމެއްގައި އުޅޭއިރު، ޒިލާގެ ހިތުގައި ހަމަ ފުޓުބޯޅައަށް ޝައުގު ނެތީބާވައެވެ؟

ކުރީގައިވެސް އެންމެ ކުޅޭހިތްވަނީ ފުޓްބޯޅަ. ހުސްވަގުތެއް ލިބުނަސް ރައްޓެހިންނާއެކީ ވެސް ކުޅެނީ ހަމަ ފުޓުބޯޅަ. އެކަމަކުވެސް ޕްރޮފެޝަން އެއްގޮތަށް ފުޓްބޯޅަ ކުޅޭކަށް ނުވިސްނަން. ޕްރޮފެޝަން އަކީ ބާސްކެޓްބޯލް ހަމަ އަބަދުވެސް. އެކަމަކު ބާސްކެޓް ކުޅެން ދަނީ ހަމައެކަނި ޕްރެކްޓިސްތަކަށާއި މެޗްތަކަށް. ހުސްވަގުތުތަކުގައި ބާސްކެޓެއް ނުކުޅެން.

ބާސްކެޓަކީ އާއިލީ ކުޅިވަރެއް

މިހާރުވެސް ޒިލާ އަންނަނީ ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަމާއި ކިންގްސް ކްލަބުގެ ކޯޗުކަން ކުރަމުންނެވެ. ރިޓަޔާ ވުމަށްފަހުވެސް ބޯޅައިން އަތް ދޫކޮށްލާކަށް ޒިލާގެ ހިތެއް ނޭދެއެވެ. ކުޅިވަރު އާއިލާއަކަށް އުފަންވެ، ކުޅިވަރު އާއިލާއެއް އުފަން ކުރެވިފައިވާތީ ކަމަށްވެސް ވެދާނެއެވެ.

"ފުދޭ ވަރަކަށް ކުޅިވަރު ބެކްރައުންޑްގެ ބައިވަރު މީހުން އުޅޭ އާއިލާ ތެރޭގައި."

"ވައިފް އެއީ ފާތިމަތު ރިޝްމާ. އޭނަވެސް ބާސްކެޓްބޯލް ކުޅޭނެ. ދަރިފުޅަށް 15 އަހަރު. އޭނަވެސް އުޅެނީ ޖޫނިއަރ ސްކޮޑްގައި. ދެން ކޮއްކޮ އެއީ މިހާރު ނެޝަނަލް ޓީމްގެ ކެޕްޓަން." އޭގެ އިތުރުން އަންހެނުންގެ ދައްތަ އާއި ދައްތަގެ ފިރިމީހާއާއި ޒިލާގެ ބޮޑުބޭބެ ދެމަފިރިންވެސް އުޅެނީ ބާސްކެޓްގެ ދުނިޔޭގައެވެ.

ފޮޓޯ: ކިންގްސް ބީސީ

ޒިލާ ބުނާ ގޮތުންނަމަ، މި ދާއިރާގައި އޭނަގެ ސަޕޯޓަރަކީ އަންހެނުން ރިޝްމާއެވެ. އަންހެނުންނަކީ ވެސް ކުޅުންތެރިއެއް ކަމުން ވަޒިފާއާއި ދިރިއުޅުމާއި އަދި ކުޅިވަރު ބެލެންސް ކުރަން ފަސޭހަވެސް ވެއެވެ.

އޭގެ އިތުރުން އޭނާ ވަޒީފާ އަދާ ކުރާ އޮފިސް، ކަސްޓަމްސުންވެސް މި ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އެއްބާރުލުން ލިބޭކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ކޯޗެއްގެ ތޮފިވެސް ހެޔޮވަރު!

"އަސްލު ކުޅިވަރަކީ ހަމަ ބޮޑު ލާނިންގ އެކްސްޕީރިއަންސެއް. ސްޕެސިފިކަލީ އެހެން ސީދާ ވަކި ކަމެއް ބުނާކަށް ނޭނގޭ، އެކަމަކު ވަރަށް ބޮޑަށް ދަސްވި މީހުންނާ ގުޅިގެން ޓީމެއް ގޮތަށް މަސައްކަތްކޮށް، ލީޑް ކުރަން." އޭނާގެ ކޯޗިން ލައިފްގެ ވާހަކަތައް ފަށައިގަތީ މިހެންނެވެ.

"ޤައުމީ ޓީމަށް ޚިދުމަތް ކުރަން ލިބޭ ފުރުސަތު ތަކެއް ދުލެއް ނުކޮށްލާނަން. ޤައުމީ ޓީމަށާއި ކިންގްސްގެ ކޯޗުކަން ކުރުމައިގެން ކުރިއަށް ދިއުމަށް މިހާރުގެ ވިސްނުން މި ހުރީ."

ލިޔެ ނުނިމޭހާ ގިނައިން ކާމިޔާބީތައް ހޯދައިފައިވާ ޒިލާގެ ހާއްސަ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ ކާމިޔާބީ މިނެކިރުމަށް އޭނާ ގެންގުޅޭ ވިސްނުމެވެ.

"ރާއްޖޭގެ ބާސްކެޓުން ޒިލާއަށް ނުލިބޭ ކާމިޔާބީއެއް ނެތް. އެކަމަކު ވެސް އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް އަބަދުވެސް ފާހަގަ ކުރަނީ، ރިޓަޔާ ވީ ފަހުންވެސް މީހުން ޒިލާ ބަލައިގަންނާތީ. އެއީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ. ޓްރޮފީތަކާ މެޑަލްތަކަށްވުރެ އެކަންކަން މެޓާވަނީ."

ފޮޓޯ: ކިންގްސް ބީސީ

"އެންމެ ފުރަތަމަ މެޑަލް ލިބުން ދުވަހާ އޭގެފަހުން ދެވަނައަށް ސިލްވާ މެޑަލް ލިބުން ދުވަސް ވަރަށް ބޮޑަށް ހަނދާންވޭ. އޭރު މެޑަލް މި ދެނީ ޤައުމީ ސަލާން ކިޔާފަ. އެހެންވެ އޭރުގެ އެ އިހްސާސްތައް ވަރަށް ބޮޑަށް ތަފާތު އަސްލު. އަމިއްލައަށް ކުރެވިފަ ހުންނަ ސެކްރިފައިޒްތައް ވަރަށް ބޮޑަށް ހަނދާންވާ ގަޑިއެއް އެއީ. އެހެންވެ އުފާވޭ އެކަހަލަ ކާމިޔާބީތައް ލިބޭތީ." އޭގެ އިތުރުން މިކަމުގައި މައިންބަފައިންގެ ފުލް ސަޕޯޓް ލިބޭތީވެސް އޭނާ ހުންނަނީ ނުހަނު އުފަލުންނެވެ.

ބާސްކެޓް ދުނިޔެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެއް ގޮތުގައި ޒިލާ ފާހަގަ ކުރީ، ކުޅިވަރު ކުޅެން ބޭނުންވާ ގަޑީގަތަކުގައި ކޯޓް ނުލިބުމުގެ މައްސަލައެވެ. އަދި ވަސީލަތްތައް ނެތުމުގެ ސަބަބުން، ކުޅެން އުޅޭއިރު ލިބޭ ހާނިއްކަތަކުން އަރައިގަތުމަކީ ވެސް އުނދަގޫ ކަމެއް ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ކޮންމެ އަކަސް، 'ކިންގްސް ކްލަބް'ގެ ފަރާތުން ބާސްކެޓްގެ މި 'ކިންގް'ގެ ކުޅިވަރު ހަޔާތުގެ މައްޗަށް ބިނާކޮށް ބަޔޮގްރަފީއެއް ލިޔުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ދާދި އަވަހަށް މި ބަޔޮގްރަފީ އަހަރެމެންނަށް ފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!