ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި:ރައީސް
ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ގާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރިކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫގައި ހުންނަ ޕޮލިސް އެކެޑެމީގައި ބޭއްވި 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ނުރައްކާތެރި ބޮޑެތި ޖަމާޢަތްތައް ހިންގުމުގެ ކުރިއަށް ފުލުހުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ ރައްޔިތުންނަށް ލިބޭ އިތުބާރާއި ޔަޤީންކަން ކަމުގައެވެ.
އަދި މިފަދަ ގޮންޖެހުންތަކާ ކުރިމަތި ލުމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަންވެސް ދިވެހި ފުލުހުންގެ ކިބައިގައި އެބަހުރިކަމަށާއި އެކަން އަންނަނީ ދިވެހި ފުލުހުން ސާބިތު ކޮށްދެމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އެހެން ނަމަވެސް މުޖުތަމައުގެ ތެރޭގައި އުފެދޭ ނުރަނގަޅު އޮއިވަރުގެ ސަބަބުން ފުލުހުންނަށް ގިނަ ދަތިތަކާ ގޮންޖެހުންތައް ދިމާވާ ކަމަށާއި އޭގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ފުލުހުންގެ ހައިސިއްޔަތުން ދަމަހައްޓަންޖެހޭ ޕްރޮފެޝަނަލިޒަމް ދަމަހައްޓަންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަދި ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް އިތުބާރާއި ޔަގީންކަން މިއަދު އެބައޮތްކަމާއި އިންޓަޕޯލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބައިނަލް އަގުވާމީ ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް އެހެން ގައުމުތަކަށް މިސާލު ދައްކަމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން އަވައްޓެރި ފުލުހުންގެ ނިޒާމުގެ ބޭނުމަކީވެސް އެއީކަމަށާއި، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތްދީގެން ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒުކުރުމަށް ވެސް ފަސޭހަ ނިޒާމެއްކަމަށެވެ.
އަދި ފުލުހުންގެ މަސައްކަތަކީ ކޮންމެ ދުވަސްވަރެއްގައިވެސް އެއިރެއްގެ ހާލަތަށް ބަލާއިރު ގޮންޖެހުން ގިނަ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ މީގެ އެތައް އަހަރެއް ކުރީންފެށިގެން މިއަދާ ހަމައަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަކަމާއި ގޮންޖެހުންތައް ކިތަންމެ ގިނަޔަސް މަސްތުވާތަކެތީގެ ވިޔަފާރިޔާއި އެތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަކީވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަރަށް މުހިންމު ބައެއްކަމާއި އެފަދަ މައްސަލަތަކާ ދޭތެރޭ ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް އެފަދަ މައްސަލަތައް ސިއްރުނުކޮށް ރިޕޯޓުކުރާ އަދަދު އިތުރުވަމުން އަންނާތީ އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތް ވަރަށްބޮޑަށް ފަސޭހަވެގެންދާކަމަށާއި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނާއި ކުޑަކުދިންނަށް އެކަށިގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް މަގުފަހިވެގެންދާކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ކޮންމެ ފުލުހަކުވެސް ހަނދާނުގައި ބަހައްޓަންވީ ފުލުހުންގެ އިދާރާއަކީވެސް ބޮޑު އެއްއާއިލާކަމަށާއި، އާއިލާގެ ބަދަހިކަމާއި ރީތިނަން ދެމެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެންމެ ފުލުހަކަށް ހެދޭ ގޯހަކުން ވެސް މުޅި މުއައްސަސާގެ އަގު ވެއްޓިގެން ހިނގައިދާނެކަމަށާއި އެފަދަ ކަމެއްގެ ސަބަބުން ފުލުހުންގެ ޚިދުމަތާމެދު ކުރާ އިތުބާރާއި ޔަގީންކަމަށް ބުރޫއަރާފާނެކަން ފުލުހުންނަށް ހަނދާން ކޮށްދެއްވިއެވެ. އަދި ތަމްރީނު ފުރިހަމަ ކުރައްވައިގެން ޚިދުމަތަށް ނުކުންނަވާ ހުރިހާ ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަންވީ އެއް ކަމަކީ، ފުލުހުންނާ މެދު އޮންނަ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދިވެސް އޭގެ އިތުރުން، ކޯވިޑް19 އިގެ ދަތި ދުވަސްވަރު ފުލުހުންދައްކާފައިވަނީ ވަރަށް އަގުހުރި ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި އެ ދަތިކަމަށްފަހު މުޅި ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ދެމެހެއްޓެނިވި ތަރައްގީގެ މުޅިން އައު މަންޒިލަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްގީއަކީ މުޖުތަމައުގެ ސުލްހައާއި ހަމަޖެހުމާއެކު ހާސިލުކުރެވޭނެ ކަމެއްކަމަށާއި މުޖުތަމައުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލާބަޔަކީ ދިވެހި ފުލުހުންކަމާއި، މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ފުލުހުންގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ފުޅާ ދާއިރާއެއްގައި ގައުމަށް ބޭނުންވާނެކަމަށް ވިދާޅުވިއެވެ.
އަދި ކޮންމެ ގައުމެއްގައިވެސް އިޤްތިޞާދީގެ ހަމަޖެހުމާއި ތަރައްގީގެ އަރުތަ ހާސިލުކުރެވޭނީ ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ގާއިމުވެ އޮވެގެންކަމާއި، ތަމްރީނު ފުރިހަމަ ކުރުމަށްފަހު އަލަށް ފުލުހުންގެ ޚިދުމަތާގުޅޭ ފުލުހުންގެ ސިކުނޑީގައިވެސް މި މުހިންމު ޒިންމާ އަބަދުވެސް ހަރުލައި ހުރުމަކީ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.