ޚަބަރު

ރައީސް ނަޝީދާއެކު ތިން ދުވަސް؛ ފިކުރު ދިރުވަން، އިހުނަށްވުރެ ޖޯޝުގައި

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ރައީސް ނަޝީދު ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްވަނީ.. ތިން ދުވަހުގެ މިދަތުރުފުޅުގައި 16 ރަށަކަށް ވަނީ ވަޑައިގެންފައި.. ދެން އިމޭޖްސް/އަރީޙް

"މި މީހާއަކީ ވަރުބަލި ވާނޭ މީހެއް ނޫން ، މި އަންނަނީ ބަދަލުކުރާން ، މި ބަދަލު އަޅުގަނޑުމެން ގެންނާނެ" މިއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ދިވެހި ސިޔާސީ ޚަބަރުތައް ބަލައި އަޑު އަހައި އުޅޭ މީހުންގެ ކަންފަތާ ރައްޓެހި އަޑެކެވެ. 2000ގެ ކުރީކޮޅުން ފަށައިގެން މިއަދާ ހަމަޔަށް މެދުނުކެނޑި އިވޭ މި ވާހަކައަކީ ކާކު ، ކޮންއިރަކު އަދި ކީއްވެ ދައްކާ ވާހަކައެއްކަން އެކަކަށް ވެސް ކިޔައިދޭން ނުޖެހޭހައި ފަރިތަ ވާހަކަކޮޅެކެވެ.

Ads by Sosun Fihaara

"ފިކުރެއްގެ ދިރުން" ކެންޕެއިންގައި ވެސް ، މިތުރު ނޫނީ ސިޔާސީ ހަތުރު ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައިގެން ނިކުމެ ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ސަޚްޞިއްޔަތުން ކޮންމެ މީހަކަށް ވެސް ފާހަގަކުރެއްވޭނޭ އެންމެ ވަރުގަދަ ސިފައަކީ އެ މަނިކުފާނުގެ ޖޯޝާއި ފޯރިއެވެ. ވަރުގަދަ އަޒުމާ އެކު ދޫ ނުދެއްވައި މަސައްކަތުގައި ހޭދަކުރައްވާހައި ގިނަ ވަގުތެވެ.

"ފިކުރެއްގެ ދިރުން" ކެންޕެއިނުން ދެއްވި ދަޢުވަތަކަށް އަޅުގަނޑަށް ލިބުނު ފުރުޞަތުގައި ވެސް ފެނި، ފާހަގަވެގެން ދިޔައީ މި ކަންކަމެވެ. ސިޔާސީ ޕެޝަންއާއި އެކަމުގައި އޭނާ ވަރުބަލި ނުވާނޭކަމެވެ. ލޮޑުވެ ފުށުން ޖެހޭނީ އެހެން މީހުންގެ ތާވަލްކަމެވެ.

ތިން ދުވަހުން 4 އަތޮޅެއްގެ 16 ރަށަކަށް

ރައީސް ނަޝީދުގެ އަރިހުގައި ކުރި މި ދަތުރުގައި 4 އަތޮޅެއްގެ 16 ރަށަކަށް ދެވުނެވެ. އެއީ ލ.އަތޮޅުން، ފޮނަދޫ، ގަން، އިސްދޫ، ކަލައިދޫ އަދި ހިތަދުއަށެވެ. ތ.އަތޮޅުން ކިނބިދޫ، ތިމަރަފުށި، ގުރައިދޫ، މަޑިފުއްޓާއި ވިލުފުއްޓެވެ. ހަމަ އެހެންމެ މ.އަތޮޅުން މުލަކާއި ވޭވަށް އަދި މަޑުއްވަރިއާއި ދިއްގަރެވެ. އެންމެ ކުޑަ ވ.އަތޮޅުން ކެޔޮދުއާއި ފުލިދުއެވެ.

ރައީސް ނަޝީދަށް ބައެއް ރަށްރަށުން ހޫނު މަރުޙަބާއެއް ކީއިރު، އަނެއްބައި ރަށްރަށުން ފެނިގެން ދިޔައީ މަދު ބައެއް.. ދެން އިމޭޖްސް/އަރީޙް

މިއިން ކޮންމެ ރަށެއްގައި ވެސް ރައީސް ނަޝީދު ހޭދަ ކުރެއްވީ ގާތްގަނޑަކަށް ދެ ގަޑިއިރެވެ. ބަނދަރުމަތިން މަރުޙަބާ ދަންނަވާ ފަރާތްތަކާ ސަލާމްކޮށްލެއްވުމަށް ފަހު އެ ތަނަށް ޖަމާވާ މީހުންނާ ވާހަކަފުޅު ދައްކަވައެވެ. ބައެއް ރަށްރަށުން ތަރުޙީބު ބޮޑެވެ. އަނެއް ބައި ރަށްރަށުން ފިނި ތަރުޙީބެކެވެ. ނަމަވެސް ބަދަލެއް ނުވާ ކަމަކީ ރައީސް ނަޝީދުގެ ޖޯޝެވެ. ބައިބޯ ނަމަވެސް އަދި ބައި މަދު ނަމަވެސް ވާހަކަފުޅު ދައްކަވަނީ ޖޯޝާއި ފޯރީގައެވެ. އަތްތިލަ ބަޑީގެ އަޑު ގަދަސް، އަޑު ނެތަސް ހެއެވެ.

އޭގެ ފަހުން ވަޑައިގަންނަވަނީ ދޮރުން ދޮރަށެވެ. ވަޑައިގަންނަވާ މަގުމަތީގައި ކޮންމެ ރަށެއްގައި ވެސް ހޮޅުއައްޓާއި ގާޑިޔާތަކަށް މަޑުކޮށްލައެވެ. ޝަކުވާތަކުގެ އަޑު އައްސަވައެވެ. ވަކި ފިކުރެއްގެ މީހަކަށް ނުބައްލަވައެވެ. ޕީޕީއެމްގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދުކުރައްވާ ރައްޔިތުން އެދެނީ ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ. ހިނިފުޅުވަޑުވަމުން ދެއްވާ އާންމު ޖަވާބަކީ "މި އުޅެނީ މާ ބޮޑު ޕްރައިމަރީއަކާ"ކަމަށެވެ.

ރައީސް ނަޝީދު އިސްދޫން ކަލައިދުއަށް ވަޑައިގަންނަވަނީ.. ގިނަ ރަށްރަށުގައި އުޅުއްވީ ފައިމަގުގައި.. ދެން އިމޭޖްސް/ނައުޝާ

ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ފަރާތްތަކާ ވެސް ވާހަކަފުޅު ދައްކަވައެވެ. ރައީސް ނަޝީދު ޤަބޫލު ކުރައްވާ ސަރުކާރުގެ "ދޯހަޅި" ސިޔާސަތުގެ ވާހަކަފުޅުތައް ވިދާޅުވެދެއްވައެވެ. އަދި ރައީސް ނަޝީދު ދޫކޮށް އެމްޑީޕީގެ ބޭފުޅަކު، ރައީސް ޞާލިޙަށް ތާއީދު ކުރައްވަންވީ ސަބަބެއް އައްސަވައި ޖަދަލަށް ދޮރު ހުޅުއްވައިލައްވައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުތަކަކީ އެމަނިކުފާނަށް ކުރިމަތިވި މެއި 6ގެ ހަމަލާއަށް ފަހު ގިނަ ރަށްރަށަކަށް އެ މަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެންކަމުން އެ މަނިކުފާނު ފެނުމުން ރޮއި، ގިސްލާ އެ މަނިކުފާނާ އޮޅުލާ މީހުން ފެނުނީ މަދެއްކޮށެއް ނޫނެވެ. ޚާއްޞަކޮށް ދޮށީ ޢުމުރުގެ ރައްޔިތުންނެވެ. ނަމަވެސް ، ރޮއި،ހޭރެމުން ބައެއް މީހުން ރައީސް ނަޝީދާ އެކު ބައްދަލުކުރާ އެ އިމޯޝަނަލް މަންޒަރުތައް ނަގައިލާން ކިތަންމެ ބޭނުންވި ނަމަވެސް ، އަޅުގަނޑަކަށް އެ ފުރުޞަތެއް ނުލިބުނެވެ.

ރައީސް ނަޝީދާ އުމުރުން ދޮށީ ދައްތައަކު ލ. ގަމުން ސަލާމް ކުރައްވަނީ.. ދެން އިމޭޖްސް/ އަރީޙް

“ރައްޔިތުންގެ ގާތަށް މި އައީ ފޮޓޯ އޮޕަޗިއުނިޓީއެއް ހޯދާކަށް ނޫން. އެ މީހުންގެ ޝަކުވާތައް އަޑު އަހަން" ކެމެރާގެ ލެންސް ދިއްކޮށްލުމުން ރައީސް ނަޝީދު އަޅުގަނޑަށް ހަނދާންކޮށްދެއްވީ ބައެއް މީހުން ކެމެރާއަށް އެހައި ކޮންފޮޓަބަލް ނުވެދާނެ ކަމަށާއި ފޮޓޯއެއް ނަގަން މީހަކު އެދިއްޖެ ޙާލަތެއްގައި އެކަނި އެކަން ކުރުމަށެވެ.

ތަކުރާރު ކުރެއްވީ އާމްދަނީ އިތުރުކުރަން ޖެހޭ ވާހަކަ

ރައީސް މުޙައްމަދު ނަޝީދު ވަޑައިގެންނެވި ހަމަ ކޮންމެ ރަށެއްގައި ވެސް ވާހަކަފުޅު ފައްޓަވަނީ އެއް ޕޮއިންޓަކުންނެވެ. އެކަމުގެ މުހިންމުކަމުން ކަމަށް ވެސް ވެދާނެއެވެ. އެއީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ އާއްމުދަނީއަކީ 4 ބިލިޔަން ކަމަށާއި މިއަދު އެ އަދަދު ދިހަ ގުނަ ވެފައިވާ ކަމަށް ވިދާޅުވާ ވާހަކަފުޅެވެ. އަދި އާންމުންގެ އާމުދަނީއިން މިދިޔަ ދިހަ އަހަރުގައި ދިހަ ގުނަވިތޯ އާންމުން ކުރެން އައްސަވައެވެ. ނުވާ ނަމަ ދެ ގުނަވިތޯ ވެސް އައްސަވައެވެ.

"ދައުލަތް ފުންމައިގެން ހިނގައްޖެ. ރައްޔިތުން ފުންމައިގެނެއް ނުދޭ" އާއްމުންގެ ފަރާތުން އަންނަ ޖަވާބާ އެކު ވާހަކަ ކުރިޔަށް ގެންދަވައެވެ.

ރައީސް ނަޝީދު ޤަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ އާމްދަނީ އިތުރުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި ޓެކްސްގެ ނިޒާމެވެ. އެކަމުގެ ކްރެޑިޓް ރައްޔިތުންނަށް ދެއްވަމުން ވިދާޅުވަނީ, އެ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ކަމަށާއި ރާއްޖެއަށް އޭރު ގެންނެވި ބަދަލުތަކަކީ ސީދާ ރައްޔިތުން ގެންނެވި ބަދަލުތަކެއް ކަމަށެވެ. މިގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަަކައި އޭރު ކުރެއްވި މަސައްކަތްޕުޅުތަކުގެ ވާހަކަ ދައްކަވައެވެ. އުމުރުން ދުވަސްވީ މީހުންނަށް ދޭން ފެށި އެލަަވެންސާއި އެކަނިވެރި މައިންނަށް ދޭ އެލަވެންސްތަކުގެ ވާހަކައެވެ.

ރައީސް ނަޝީދުގެ ގޮވައިލެއްވުމަކީ ރައްޔިތުން އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. އަމިއްލަ މަސައްކަތްތައް ކުރުމާއި ސަރުކާރަށް ވާ ބަރޯސާ ދޫކޮށްލުމެވެ.

ވ. ފުލިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

އެ މަނިކުފާނު ވިދާޅުވީ މަހުގެ އަގު ދަށްކޮށް މަސްވެރިކަމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅެމުން އަންނަނީ ހީލަތްތެރި ސިޔާސަތެއް ކަމަށެވެ. މަސްވެރިކަމުން ނަފާ ހޯދަމުން ދިޔަ އެތައް ޒުވާނުންނެއް ، މަހުގެ އަގު ދަށްވުމުން އެ މަސައްކަތް ހުއްޓައިލައި ސަރުކާރަށް ވަދެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ނުރައްކާ ވިދާޅުވެދެއްވިއެވެ.

"އުފެއްދުންތެރިކަން އޮންނަނީ ގެއްލިފައި. ތިމާގެ އަމިއްލަވަންތަކަން އޮންނަނީ ގެއްލިފައި. މިއަދު ލިބުނު އެއްޗަކަށް ވުރެ އިތުރު އެއްޗެއް ހޯދާކަށް ނޫޅޭ. ދެން މި ހޯދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން. ސަރުކާރު މި އޮންނަނީ އެކަމަށް ފަރިވެގެން." ޒުވާނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ސަރުކާރަށް ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މަރުޙަބާ ކިޔަން ނިކުންނަ މީހުންގެ ތެރޭގައި ޒުވާނުން ނުހިމެނެނީ ކީއްވެގެންތޯ އެ މަނިކުފާނާ އަޅުގަނޑުކުރި ސުވާލަށް ވެސް ދެއްވީ ވެސް މި ޖަވާބެވެ. ސަރުކާރުގެ ވަޒީފާތަކުގައި ޒުވާނުން "ގައިދުކޮށްފައި" ތިބޭ ކަމެވެ.

"މިސާލަކަށް މި ރަށް ، އެއީ އިކޮނޮމިކަލީ އިންޑިޕެންޑެންޓް ޒުވާނުންތަކެއް އުޅޭ ރަށެއް. ގެސްޓް ހައުސްގެ ވިޔަފާރިން އެ މީހުން އެ ތިބީ މިނިވަންވެފައި. އެހެންވީމަ ޒުވާނުންނަކަށް ނުޖެހޭ ބިރުވެރިކަންމަތީ، ފޮރުވިގެން ތިބޭކަށް" ނަމަވެސް ރައީސް ނަޝީދު ޤަބޫލު ކުރައްވާ ގޮތުގައި ރައީސަށް މަރުޙަބާ ދެންނެވުމަށް އެ ކުދިން ބަނދަރު މައްޗަށް ނުނިކުތަސް، އެކުދިންގެ ހިތް އޮތީ ރައީސް ނަޝީދާއެކުގައެވެ.

ފޮރުވިގެން ތިބި ނަމަވެސް އެކުދިން ވޯޓް ދޭނީ އަޅުގަނޑަށް

"އަންނަނީ, ނިމެނީ"މިއީ އެމްޑީޕީގެ ސިޔާސަތެއް ނޫން

ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ރައީސް ނަޝީދު ތަކުރާރު ކުރައްވާ އެއް ވާހަކަފުޅަކީ, އެމްޑީޕީގެ އާއްމު މެންބަރުން އެ ޕާޓީއާ ފެޔަށް ޖެހެން ފަށައިފައިވާ ވާހަކައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވަނީ, މި ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒް ނުކުރުމެވެ. މަސް ފެކްޓްރީތައް ނޭޅުމެވެ. ދަރަނި ރީސްޓްރަކްޗަރ ނުކުރުމެވެ.

އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމަށާއި ހިލޭ ޑިގްރީއާއި އެންމެ ދަށު އުޖޫރަ ކަނޑައެޅުން ފަދަ ކަންކަމަށް ރައީސް ނަޝީދު ތައުރީފް ކުރައްވައެވެ. ވިދާޅުވަނީ އެއީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށެވެ. ރައްޔިތުން އެކަން ބަލައިގަންނަ ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ބަލައި ނުގަންނަނީ ސަރުކާރުން ހަދާ ދޮގުތައް ކަމަށް ވިދާޅުވެއެވެ. އެއީ ތަރައްޤީކޮށްދޭނަމޭ ބުނެ ވާ ދޮގު ވައުދުތަކާއި އަހުދުތައް ކަމަށާއި ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ތަރައްޤީގެ ނަމުގައި ކުރާ “އިސްރާފްތައް”ކަމަށް ވިދާޅުވާ ބަސްތައް ތަކުރާރު ކުރައްވައެވެ.

ވ. ކެޔޮދޫގެ މަސް ފެކްޓްރީއަކަށް ރައީސް ނަޝީދު ކުރެއްވި ޒިޔާރަތުގެ ތެރެއިން.. ވިދާޅުވީ ތަރައްޤީ ކުރަންވީ މިފަދަ މަސައްކަތްތައް ކަމަށް.. ދެން އިމޭޖްސް/އަރީޙް

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުން ކަމަށެވެ. ތަނަވަސްކަން ގޭގެއަށް ގެނެވި އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ހިންގުން ކަމަށެވެ. "މަގެއް ހަދައިގެން ނަރުދަމައެއް އަޅައިގެން ބްރިޖެއް އަޅައިގެން" ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށާއި އެކަން ރަނގަޅުވާނީ ރައްޔިތުންގެ އާމުދަނީ ރަނގަޅުކޮށްގެން ކަމަށް ވިދާޅުވެއެވެ. އަދި ފެށި ޕްރޮޖެކްޓްތައް އޮތީ "އަންނަނީގައޭ" ވިދާޅުވެ، ފާޑު ވިދާޅުވިއެވެ.

ކުޑަ ޕްރޮޖެކްޓެއް ބޮޑު ޕްރޮޖެކްޓެއް ނެތް އަޅުގަނޑަށް ދެންނެވޭނީ ހުރިހައި އެއްޗެއް ވެސް އޮތީ އަންނަނީގައޭ. މިއީ އެމްޑީޕީ މެންބަރުން ބަލައިގަންނަ ސިޔާސަތެއް ނޫން

އޭގެ އިތުރުން ، އެންމެ ބޮޑު ފަލްސަފާއަކީ ޕްރައިވެޓް ސެކްޓާ ވަރުގަދަކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުގެ ގިނަ މަޝްރޫއުތައް ދިނުމަކީ "ކޮމިއުނިސްޓް" ޤައުމުތަކުގެ އުސޫލެވެ. އަދި އެ ކުންފުނިތަކުގައި ކޮރަޕްޝަން ގިނަކަން ފާހަގަކުރައްވައި ތަކުރާރު ކުރެއްވީ އެ ކުންފުނިތަކުގެ މަގްޞަދަކީ ޒުވާނުން "ކޮންޓްރޯލްކުރުން" ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ރައީސް ޞާލިޙް ހިންގަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ގާބިލު ނޫން، ޚަރަދު ބޮޑު އަދި ކޮރަޕްޝަނާއި ސިޔާސީވުމާ އެކު ގިނަ މައްސަލަތަކަކަށް މަގުފަހިވާ ތަންތަން ކަމަށެވެ.

ޕްރައިމަރީއަށް ފަހު ދެން ވާނީ ކިހިނެތް؟

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނަށް މި އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. އަދި ވިދާޅުވީ، "އިންތިޚާބު ކާމިޔާބު ނުވެއްޖެ ނަމަ" އަންނަ ސުވާލަކީ ސުވާލެއް ވެސް ނޫން ކަމަށެވެ.

ރައީސް ނަޝީދު "ދެން"އަށް އިންޓަރވިއު ދެއްވަނީ

އެހެންކަމުން "ދެން"ގެ މަޖުބޫރީ ސުވާލަކީ ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ ދެންވާނޭ ނުވަތަ ވެދާނޭ ގޮތެއްގެ ސުވާލެވެ. އިންތިޚާބު ނިމުމުން ވެސް އެ މަނިކުފާނުގެ ވާދަވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ފެނިދާނެތޯއެވެ.

"އަޅުގަނޑު މޮޅު ވިޔަސް ރައީސް ޞާލިޙް އަޅުގަނޑު ކޮޅަށް އަރާކަށް އެއީ މުހިންމު ކަމެއް ނޫން. އެމްޑީޕީގެ ގިނަ ބައިވަރު މެންބަރުންތައް، ޚާއްސަކޮށް ވަޒީރު ބޭފުޅުންނާއި، އެ ބޭބޭފުޅުން އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ތާއީދު ކުރާނެ" ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ވެސް ރައީސް ޞާލިޙްގެ ތާއީދު ކޮންމެހެން މުހިންމު ނޫން ކަމަށެވެ.

ރައީސް ޞާލިޙް އަޅުގަނޑަށް ތާއީދުކޮށްގެން އަޅުގަނޑަށް ލިބޭ ވޯޓް ވާނީ މަދު

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ 39،000 މެންބަރުން ދަފްތަރުން ވަކިކޮށްފައި ކަމަށާއި، ރައީސް ޞާލިޙާ އެކު މަސައްކަތް ކުރައްވައިފި ނަމަ އެ ބޭފުޅުންގެ ވޯޓް ރައީސް ނަޝީދަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"ފިކުރެއްގެ ދިރުން"ގެ ޕޯޑިއަމްތަކާއި ފަރިއްކޮޅުގެ ސުފުރާތަކާއި ދަތުރުފުޅު މަތީގައި ވެސް ރައީސް ނަޝީދު ވަނީ ވާދަވެރި ކެނޑިޑޭޓްގެ ޓީމުން ދެމުންގެންދާ ހަމަލާތަކަށް ޖަވާބު ދެއްވައިފައެވެ. ޖޯކް ޖައްސަވަމުންނާއި ސަމާސާކުރައްވަމުންނެވެ.

ޝާއިރުން ބުނޭ ފަޅު ރަށްރަށަށް ވެސް ހަނދުވަރުދޭ  އެކަމަކު އެ ބަލާނެ މީހެއް ނުހުންނާނޭ

ކުޑަ ރަށެއް ، ބޮޑު ރަށެއް ނުބައްލަވައި ސަރުކާރުން ތަރައްޤީ ގެންނަވާކަމަށް ރައީސް ޞާލިޙްގެ ކެންޕެއިނުން ދައްކަވާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު ދެއްވީ މި ފަދަ ޖަވާބެކެވެ.

Ads by HDC
  1. ރާޅުބޯއި

    ވަރައްވެސް ފުރިހަމަ ލިޔުމެއް. ހަމަ ހަގީގަތުގަވެސް ރައީސް ނަސީދަކީ ހިއްވަރުގަދަ އަޒުމް ވަރުގަދަ ސީދާ ރައްޔިތުންގެ ރައީސް އެއް. އަންނި2023

    • ވިސްނާށޭ

      ތިއެއް އިގޭނީ ހަމަހޭގައި ނުހުންނަ އިރަކާ ދިމާވާއިރެއްގައި ޖައްސާ ވައްތަރެއް ބަލާފައި

  2. ކީކޭ ބުނާނީ

    “ރައީސް” ނަޝީދޭ؟