އެމްޑީޕީ ޕްރައިމަރީގައި 243 ވޯޓު ފޮށި ބަހައްޓާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ޕްރައިމަރީގައި ޖުމްލަ 243 ވޯޓު ފޮށި ބަހައްޓަން ނިންމައިފިވެއެވެ.
އެމްޑީޕީން ވިދާޅުވީ މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ވިދާޅުވިއެެވެ.
މި އިންތިހާބުގައި އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެރަށެއްގެ ސްކޫލްތަކުގައެވެ. މާލެ ސަރަހައްދުގައި ވޯޓު ފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ، އަމީނިއްޔާ، އެމްއެންޔޫ، އިސްކަންދަރު، ހިރިޔާ، އިމާދުއްދީން، މާފަންނު މަދަރުސާ، ތާޖުއްދީން، އިއްޒުއްދީން، ރެހެންދި އަދި ކަލާފާނު ސްކޫލްގެ އިތުރުން މުހިއްދީން ސްކޫލްގައެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، އެ ޕާޓީގެ އިސް ލީޑަރު އިބްރާޙީމް މުހައްމަދު ޞާލިޙެވެ.