ޚަބަރު

ހަ މީހުންނާއެކުގައި ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ފަރަށް އެރި ދޯނި--- ފޮޓޯ/ އެމްއެންޑީއެފް

މުދާ ހިފައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި، އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.

އެމްއެމްޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މުދާ ހިފައިގެން ދިޔަ ސަޕްލައި ދޯނި ފަރަށް އަރާފައިވަނީ ލ.ހުޅިމެންދޫގެ އުތުރު ފަރާތުންނެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 2:07 ހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކުގައި، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވެފައި ކަމަށެވެ.

ހަ ފަޅުވެރިންނާއެކުގައި ދަތުރު ކުރަމުން ދިޔަ، 85 ފޫޓުގެ މި ސަޕްލައި ދޯންޏަކީ މުދާ ހިފައިގެން، މާލެއިން  އައްޑުއަތޮޅު ހެރެތެރެ ރިސޯޓަށް ދަތުރު ކުރަމުންދިޔަ "ބޮނިތޯ ކެރިއާ" ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފުން ވަނީ، މި ހާދިސާގައި އެ ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރު ކޮށްދެއްވައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!