ދުނިޔެ

މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ 3 ޕަސެންޓްގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އިގްތިސާދީ ތާރީޚުގައި ވެސް މިދިޔަ އަހަރަކީ އިގްތިސާދީ ދުވެލި އެންމެ ދަށުގައި ހުރި އަހަރު ކަމަށް، އެ ގައުމުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެ ގައުމުން އާންމުކުރި ރަސްމީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ ތިން ޕަސެންޓްގަ އެވެ. މިއީ އެ ގައުމުގެ ޒަމާނީ ތާރީޚުގައިވެސް އިގްތިސާދު އެންމެ ދަށް ނިސްބަތަކުން ކުރި އެރި އަހަރެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު ޗައިނާގެ އިގްތިސާދު ކުރިއަރާ ނިސްބަތް ހުރީ 3.9 ޕަސެންޓްގަ އެވެ. ނަމަވެސް އަހަރުގެ އެންމެ ފަހު ތިން މަހުގެ ތެރޭގައި އިގްތިސާދީ ދުވެލި އެއަށް ވުރެ ވެސް ދަށްވެ، އިގްތިސާދު ކުރިއެރި ނިސްބަތް ހުރީ 2.9 ޕަސެންޓްގައި ކަމަށް، އެ ގައުމުގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު އާންމުކުރި މައުލޫމާތުތަކުގައި ވެއެވެ.

އެ ގައުމުގައި ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރުނު 2020 ވަނަ އަހަރު ނުލައި، 2022 ވަނަ އަހަރަކީ، މިއީ އެ ގައުމުގެ ބާނީ، މާއޮ ޒެޑޮންގްގެ 30 އަހަރުގެ ވެރިކަން 1976 ވަނަ އަހަރު ނިމުމުނި ފަހުން، އެ ގައުމުގެ އިގްތިސާދު އެންމެ ދަށް ނިސްބަތަކުން ކުރި އެރި އަހަރެވެ.

ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންތައް އުފައްދައި ބޭނުންކުރަން ފެށުމަށް ފަހު، ޗައިނާ އިން ލަފާކޮށްފައި އޮތީ، 2022 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދު، 5.5 ޕަސެންޓްގައި ކުރިއަރާނެ ކަމަށެވެ. އެހެން ނަމަވެސް، އިގްތިސާދީ މާހިރުން އަންދާޒާކުރި މިންވަރާ ގާތަށް ވެސް، މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު ކުރިއަކަށް ނާރަ އެވެ.

ޗައިނާ ސަރުކާރުން މިހާރު ލަފާކުރަނީ، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި އެ ގައުމުގެ އިގްތިސާދީ ދުވެލި މަތިވާން ފަށާނެ ކަމަށެވެ. އެއީ، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލައި، ގައުމުގެ ބޯޑަރުތައް ހުޅުވާލައި، ބައިނަލްއަގުވާމީ އާންމު ދަތުރުތައް އަލުން ފަށާފައިވާތީ އެވެ.

އެހެންކަމުން، މިއަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު 6.3 ޕަސެންޓްގައި ކުރިއަށް ދާނެ ކަމަށް އެ ގައުމުން އަންދާޒާކުރެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!