ވިލިމާލޭގައި ބަހުގެ ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް: މޭޔަރު މުޢިއްޒު
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ބަހުގެ ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން މިކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލްގެ މަޝްވަރާ އެއްވެސް ވަރަކަށް ނުހޯއްދަވާ ކަމަށެވެ.
އަދި ކައުންސިލުން އެބޚިދުމަތް ދޭން ނިންމީ އޮންނަ ނިޒާމްގެ ތެރެއިން ސަރުކާރާއި ގުޅިގެންކަމަށާއި މިހާރު ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.
މޭޔަރު ވިދާޅުވީ މި މައްސަލައިގައި އެމްޓީސީސީ ސީއީއޯ އާއިވެސް ވާހަކަ ދެއްކެވުނު ކަމަށެވެ. ދެކެވުނު ވާހަކައިން ދޭހަވީ ސަރުކާރުން ކުއްލި އަމުރެއް ނެރެ މަޖުބޫރުކޮށްގެން ފަށަން އުޅޭ ޚިދުމަތެއްގެ ގޮތުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.