ބިރުގަންނަނީ ރައީސް ނަޝީދު ވެެރިކަމަށް އައުމަށް ރައީސް ޔާމީން އާއެކު ކޯލިޝަން ހަދާފާނެތީ: މާރިޔާ
ބިރުގަންނަނީ ރައީސް މުޙައްމަދު ނަޝީދު ވެެރިކަމަށް އައުމަށް ރައީސް ޔާމީންއާއެކު ކޯލިޝަން ހަދާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗްގައި މިހާރު ކުރިޔަށްދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް އިވެނީ ރައީސް ޔާމީން އަކީ ތައުލީމީ އަދި ތަންދޮރު އެނގިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވަމުންދާ އަޑު ކަމަށެވެ.
“ރައީސް ޔާމީންއާ އެމަނިކުފާނާ ވަރަށް އެއްގޮތޭ. އަޅުގަނޑުމެންނަށް މި އިވެނީ ރައީސް ޔާމީންއަކީ ވިޝިނަރީ ބޭފުޅެކޭ ވިދާޅުވަމުންދާ ތަން. އަދި އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަވެސް” މާރިޔާ ވިދާޅުވިއެވެ.
އަދި މިއަދު އެންމެ ބިރުހީވެފައި އޮންނަނީ ރައީސް ނަޝީދު ވެރިކަމަށް އައުމައްޓަކާ ރައީސް ޔާމީންއާއެކު ކޯލިޝަން ހަދާފާނެތީ ކަމަށާއި އާންމުން މިކަމާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
“މިއަދު އަޅުގަނޑަށް ހަމަ ގައިމުވެސް އެންމެ ބިރު ހީވެފަ އޮންނަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކާ ރައީސް ޔާމީންއާއެކު ކޯލިޝަން ހަދާފާނެތީ. އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ދަންނަވަލަން ވިސްނާވަޑައިގަންނަވާށޭ” މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ “ވިޝަން” ހަނދާންކޮށްލަން ޖެހޭ ކަމަށާއި އޭރު ކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމިން ރާއްޖޭގައި ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށާއި، އެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ހުރިހާ ވެރިން ނުހައްގުން ޖަލަށް ލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.