ޚަބަރު

ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންނަކީ ރައީސްގެ ނޯކަރުންނެއް ނޫން: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައި ތިބޭ ފަރާތްތަކަކީ ރައީސްގެ ނޯކަރުންނެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ތާއީދު އިތުރުކުރުމުގެ ގޮތުން ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ގދ. ގައްދޫގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ދެއްކެވި ވާހަަކަފުޅުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދަނީ ރައީސް ޞާލިޙާ ދެކޮޅަށް ނިކުމެ ނަޝީދަށް ކެމްޕެއިން ކުރުމުގައި ހަރަކާތްތެރިވަމުންނެވެ. އެކަމަށް ރައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ވިދާޅުވަނީ، ރައީސް ދެއްވާފައިވާ މަޤާމެއްގައި ހުރެ، ރައީސްގެ ސިޔާސަތުތަކަށް ފާޑު ކިޔުން ހުތުރު ކަމަށާއި އެކަން ކުރައްވަންވާނީ އިސްތިއުފާ ދެއްވުމަށްފަހު ކަމުގައި ކަމަށެވެ.

"115 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ސިޔާސީ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާގެ ނޯކަރުންނެއް ނޫން،" ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ކިބައިގައި ރައީސްގެ ސިޔާސީ ވިސްނުން ވެސް ހުންނަން ނުޖެހޭ ކަމަށެވެ. އަދި އެއީ އެމްޑީޕީން ވަކާލާތު ކުރި ސިޔާސީ ނިޒާމެއް ނޫން ކަމަށާއި އެމްޑީޕީން އެދެނީ ރައްޔިތުން ދޫކޮށްލާފައި ބައިތިއްބަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މިނިވަން ކުރުމާއި ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަމިއްލަ މަސައްކަތް ކުރެވޭނެ މަގު ބަންދުކޮށް ސަރުކާރުގެ ވަޒީފާތަކުގައ ތިބުމަށް އިއްތިހާދު ސަރުކާރުން ރާއްވަވާ ކަމަށާއި، އެއީ އޮބަހެއްޓުމުގެ ނިޔަތުގައި ކަމަށެވެ.

"ކޮންމެ ރަށެއްގެ އިންޖީނު ގޭގައި 25-30 ކުދިން އެބަ މަސައްކަތް ކުރޭ. އެކުދިންނަށް ވަރަށް ރަގަނޅު. އެހެންނަމަވެސް އެކުދިންނަށް އެކަށީގެންވަނީ 20-25ހާސް ރުފިޔާ. 10ހާސް ރުފިޔާގެ މުސާރައިގައި އާއިލާއެއް ބަލަހައްޓާ، ގެއެއް އަޅާ، ދިރިއުޅުމެއް އާރާސްތު ކުރެވޭކަށް ނެތް." ރައީސް ނަޝީދު ވިދާޅުވީ، މަހުގެ އަގު ދަށްކޮށް ބަހައްޓަނީ އެކުދިން ސަރުކާރާ ދުރަށް ގޮސްފާނެތީ ކަމަށެވެ.

"ފެނަކައިގައި ހުރިހާ ހިނދަކު އެއީ 10،000 ރުފިޔާ، މަހަށްދާން އޭނާ ފަށާފިއްޔާ، މަހުގެ އަގު ރަނގަޅުކޮށްފިއްޔާ އެއީ 25،000ރުފިޔާ."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!