ހަސަދަވެރިންގެ ކިބައިން ސަލާމަތްވާނީ ކިހިނެއް؟
ހަސަދައަކީ އަނެކާގެ ކިބައިގައިވާ ނިޢުމަތެއް ނުވަތަ ހެޔޮކަމަކާއިމެދު ނަފްރަތުވެ، އޭނާގެ ކިބައިން އެކަން ފިލައި ދިއުމަށް އެދޭ އެދުމެވެ. ދެންފަހެ ހަސަދަވެރިޔާއީ، ތިމާ ހަސަދަވެރިވާ މީހާގެ މައްޗަށް އަބަދުވެސް އޭނާގެ ކުށް ހޯދުމާއި، އޭނާ ދެރަކޮށް ނިކަމެތިކޮށްލުމާއި، އޭނާއަށް ދެރައެއް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި ބަލަބަލައި ހުންނާނެ މީހެކެވެ. އަދި އޭނާގެ ފުށުން ހެޔޮކަމެއް ފެނިއްޖެ ނަމަ އޭނާގެ އަގު ވައްޓާލައި، އެހެޔޮކަމުގެ ވާހަކައިގެ ބަދަލުގައި، އޭނާގެ ކޮންމެވެސް ނުބައިކަމެއްގެ ވާހަކަ، ނުވަތަ އޭނާއާއި މެދު ބުހުތާނާއި، ދޮގާއި ތެދު މަސްހުނި ކޮށްގެންނާއި އެގޮތް މިގޮތުން ވާހަކަތައް ދައްކައި ދުއްތުރާތައް ކޮށް ހަދާނެއެވެ.
މިގޮތުން ދައްކާނެ ވާހަކައެއް ނުވަތަ ކިޔާނެ އެއްޗެއް ނެތިއްޖެނަމަ، އޭނާ ނޭވާލާ ގޮތާއިމެދު ނަމަވެސް ފާޑުކިޔައި އޭނާއާއި ދެކޮޅުވެރިކަން ފާޅުކުރާނެއެވެ. އެންމެ ފަހުން ހަސަދަވެރިޔާ ވާހުށީ އޭނާގެ ފުރާނަވެ ސް ދުއްވާލާ ފަދަ ރުޅިވެރިކަމެއްގައި، އޭނާ ދުނިޔެއިންވެސް ދުއްވާލާނެ ވަގުތަކަށް ބަލަބަލާ ހުންނާނެ މީހަކަށެވެ. މުސްލިމެއްގެ ނަމުގައި ހުރި ނަމަވެސް، އީމާން ކަމާއި ޙަސަދަވެރިކަން އޭނާގެ ހިތުގައި ޖަމާ ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ފަދައިންނެވެ.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}.
މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”
ކަންމިހެން އޮތްއިރު އަލިފާން ދަރުތައް އަންދާ ކައި ހުސްކޮށްލާފަދައިން ހަސަދަވެރިކަން އޭނާގެ ހެޔޮކަންތައް ކައި ހުސްކޮށްލައެވެ. އެގޮތުގައި މަރުވެއްޖެ ނަމަ އާޚިރުގައި އޭނާއަށް އޮތީ ވޭން ދެނިވި ނަރަކައެވެ.
ޙަސަދަ ވެރިކަމުގެ ނުބައިކަން މިހާބޮޑުވެފައި، ޙަސަދަވެރިޔާގެ ނުރައްކާތެރިކަން ބޮޑުކަމުގައި ވީހިނދު، ޙަސަދަވެރީންގެ ކިބައިން ސަލާމަތް ވުމަށް އިބްނުލް ޤައްޔިމް ރަޙިމަހު ﷲ ބަޔާން ކުރައްވާފައިވާ ބައެއް ކަންތައް މިތަނުގައި ހިމަނާ ލާނަމެވެ. ފަހެ މިއީ އެސްފީނާއަޅާ މީހުނާއި، ޙަސަދަވެރީންނާއި ސިޙުރުވެރީންފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކަންތައް ކުރަންވީ ގޮތްތަކެވެ.
ޙަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ގިނަގިނައިން ﷲ ގެ ޙަޟްރަތުގައި ދެންނެވުން.
ﷲއަށް ތަޤްވާވެރިވެ އެއިލާހުގެ އަމުރުފުޅު ތަކަށް ފުރިހަމަ އަށް ކިޔަމަންތެރިވެ، ނަހީތަކުން ފުރިހަމަ އަށް ދުރުހެލިވެ ރައްކާތެރިވުން:
މިފަދައިން ޢަމަލުކުރާމީހުން މާތް ﷲ ބަލަހައްޓަވައެވެ. އަދި އެހެން ފަރާތްތަކަށް އޭނާ ދޫކޮށް ނުލައްވައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ )آل عمران: ١٢٠(
މާނައީ: އަދި ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިބްނު ޢައްބާސް (ރ.އ) އަށް ޙަދީޘް ކުރެއްވިއެވެ.
وقال النبي صلى الله عليه وسلم لعبد الله بن عباس:(احفَظِ اللَّهَ يحفَظكَ، احفَظِ اللَّهَ تَجِدْهُ تجاهَكَ) (رواه الترمذي)
މާނައީ: “ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.)” ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވާމީހާ އެކަލާނގެ ރައްކާތެރިކުރައްވާނެއެވެ. އަދި އެމީހަކުވީ ކޮންމެ ތަނެއްގައި އެމީހަކަށް ތެދުމަގު ދައްކަވާނެއެވެ.
ޢަދާވާތް ތެރިންގެ މައްޗަށް ކެތްތެރިވުން:
އަދި ޢަދުއްވާއާ ދެކޮޅަށް ތަޅާ ޢަދާވާތްތެރިކަން ނުބޭއްވުން. އަދި އޭނާގެ ޝަކުވާ ނުކުރުމާއި އޭނާގެ ކިބައިން ލިބޭ ގެއްލުން ތަކުގެ ވާހަކަ ނުދެއްކުން. ޢަދާވާތްތެރިޔާގެ މައްޗަށް ކެތްތެރިވުމާއި ﷲ އަށް ވަކީލުކުރުމަށްވުރެ ބޮޑަށް ހަސަވެރިޔާގެ މައްޗަށް ނަޞްރުލިބޭނެ ކަމެއް ނުވާނެއެވެ.
ފުރިހަމަ ގޮތުގައި ﷲ އަށް ވަކީލު ކުރުން:
އެއިލާހަށް ވަކީލުކޮށް އިތުބާރުކުރާމީހަކަށް، ﷲ ފުދެއެވެ. މިއީ މަޚުލޫޤުންގެ ފުށުން އަންނަ ތަޙައްމަލް ނުކުރެވޭފަދަ ދަތިއުނދަގޫތަކާއި އަނިޔާވެރިކަމާއި ޢަދާވާތްތެރިކަން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އޮތް އެންމެ ވަރުގަދަ އެއް ސަބަބެވެ. ހަމަކަށަވަރުން ﷲ އެމީހަކަށް ފުދިއްޖެމީހާގެ ހުރިހާ ހާޖަތްތަކެއް ފުދިއްޖެއެވެ. މިދެންނެވި ފަދައިން ﷲ އެމީހަކަށް ފުދިއްޖެ މީހާގެ ޢަދުއްވާއަށް އޭނާ ބޭނުންވާ ގެއްލުމެއް އެމީހަކަށް ނުދެވޭނެއެވެ. އެހެނެއްކަމަކު ގެއްލުން ވިޔަސް ވާނީ އެމީހަކަށް ޢާންމުކޮށްވެސް ވާފަދަ ކުދި ގެއްލުމެއެވެ. އެއީ ބަނޑުހައިހޫނުވުން، ކަރުހިއްކުން އަދި ހޫނާއި ފިނިގަދަވުން ފަދަ ކަންކަމެވެ.
ޙަސަދަވެރިންނާއި މެދުގައި ވިސްނާ ފިކުރު ކުރުމުގައި ތިމާގެ ހިތް ޣަރަގުކޮށް ނުލުން:
އަދި އެފަދަ މީހެއްގެ ވާހަކަ ހިތައް އައުމާއި އެކުގައިވެސް އެމީހެއްގެ މަތިން ހަނދާން ނައްތާލުމަށް މަސައްކަތް ކުރުން. އަދި އެފަދަ މީހުން ކުރާ ކަންތަކާއި މެދު ބިރުވެތިވެ ނޫޅުން. މިއީ އޭނާގެ ނުބައިކަމުން ރައްކާތެރިވުމަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ސަބަބެވެ. އަދި މިއީ މިކަމަށް އޮތް އެންމެ ރަގަޅު އެއް ފަރުވާއެވެ. އެހެނީ މިއީ އޭނާގެ ޢަދުއްވާ އޭނާއަށް ގެއްލުން ދިނުމަށްޓަކައި އޭނާ ހިފެހައްޓައި އަނިޔާ ކުރުމަށްޓަކައި ހޯދަން އުޅެ ނުފެނުން ކަހަލަ ކަމެކެވެ. އޭނާގެ ކިބައިން އަނެކާ އެކަހެރިވުމުން އޭނާ އަތުނުވީއެވެ. އެހެންނަމަވެސް އެގޮތަށް ނަހަދައި އޭނާއާ ކުރިމަތިލާ އޭނާ އަތުޖެހިއްޖެނަމަ އޭނާގެ ކިބައިން އަނެކާއަށް އަނިޔާފޯރައެވެ. (މިއީ ޙަޤީޤަތުގައި ވާ ގޮތެވެ). ހަމަމިފަދައިން އިންސާނާގެ ރޫޙަށްވެސް ހަސަދަވެރިޔާއާ މެދު ވިސްނާހެދުމުން ގެއްލުން ވެއެވެ.
ﷲ އާއި ކުއްތަންވެ، ޢިޚްލާޞްތެރިވެ، އެކަލާނގެ ލޯބި ޙާޞިލުކުރުމާއި އެކަލާނގެއަށް ކިޔަމަންތެރިވެ ތައުބާވުމަކީ ނަފުސުގެ މައިގަނޑު މަޤްޞަދެއް ކަމުގައި ހަދާ ނަފުސުގެ އިޙުސާސުތަކާއި ޖަޒުބާތުތައް މިކަންކަމުގެ މައްޗަށް ހޭނުވުން:
އެހެނީ މިގޮތަށް މީހާގެ ނަފުސުގެ ޖަޒުބާތުތައް ހާނައިފިނަމަ އޭނާގެ ހިތް އަބަދުވެސް އެދޭނީ ﷲ އާ ކުއްތަންވެ އެކަލާނގެ ލޯބި ހޯދުމަށެވެ. އަދި އެކަލާނގެއާ ގާތްވެ އެކަލާނގެ ޛިކުރު ކުރުމަށެވެ. އެހެންކަމުން ހަސަދަވެރިޔާއާ މެދު ހިތުގައި ނުތަނަވަސް ކަމެއް ވާނަމަ އެ އިހުސާސްތައް އޭނާގެ ހިތުން މަޑުމަޑުން ފިލަމުންގޮސް ހިތްއެއްކޮށް މި އިޙުސާސްތަކުން ސާފުވެދެއެވެ.
މަސްދަރު: މައިތިރި.ކޮމް