ރިޕޯޓް

ވިހި ބާވީސް: އިގްތިޞާދީ ބޮޑެތި ނިންމުންތަކަކާއިއެކު އުއްމީދާއި، ގޮންޖެހުންތަކެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު އިގްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރެއަށް ގައުމުތައް ވެއްޓުނެވެ. 2020 ވަނަ އަހަރަކީ މި ބަލިމަޑުކަން ރާއްޖެއާއި ހަމައަށް ފޯރައި ރާއްޖޭގެ އިގްތިޞާދީ މައި މަސައްކަތް ހުއްޓުމަކަށް އައި އަހަރެކެވެ. އެއާއިއެކު ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީ މި އަނދަވަޅުން ރާއްޖެއަށް އަރައި ނުގަނެވި އުޅެނިކޮށެވެ.

Ads by STELCO

2022 ވަނަ އަހަރު ފެށިގެން ދިޔައީ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހޭނެ ކަމުގެ އުއްމީދާއިއެކު އެވެ. ކޮވިޑުގެ ބަލިމަޑުކަން މަޑުމަޑުން ހަމައަކަށް އެޅުމާއިއެކު ފަތުރުވެރިން އިތުރުވި ނަމަވެސް ދަތި ދެ އަހަރެއްހާ ދުވަހު ލިބުނު ގެއްލުންތައް ފޫބެއްދުމަށް ދުވަސް ހޭދަވާނެކަމަށް ސަރުކާރުން ބުނަމުން ދިޔަ އެވެ. އެއާއިއެކު މުހިންމު އަދި ބޮޑެތި ނިންމުންތަކެއްވެސް ނިންމަން އޮތީ ޖެހިފަ އެވެ.

ޓެކްސް ބޮޑުކުރުން

އަހަރުގެ އެންމެ އުނދަގޫ ނިންމުމަކަށް ވެގެން ދިޔައީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމެވެ. ސަރުކާރުން ހުށަހަޅައިގެން ކުރިން 6 އިންސައްތައިގައި އޮތް ޖީއެސްޓީ 8 އިންސައްތައަށް ބޮޑުކުރަން މަޖިލީހުން ނިންމި އެވެ. އަދި ފަތުރުވެރިކަމުގެ ހިދުމަތުން ނަގަމުން އައި 12 އިންސައްތައިގެ ޓީޖީއެސްޓީ 16 އިންސައްތައަށް ބޮޑުކުރަންވެސް ނިންމި އެވެ.

މިގޮތަށް ނިންމީ ބައިނަލްއަގުވާމީ މާލީ ޖަމިއްޔާތަކާއި ވޯލްޑް ބޭންކުންވެސް އެކަމަށް ލަފާ ދީފައި ވަނިކޮށެވެ. އެހެންނަމަވެސް އިގްތިޞާދު ނެގެހެއްޓުމަށް ރާއްޖެއިން ފިޔަވަޅު އެޅީ އެކަށީގެންވާ އުސޫލެއްގެ މަތިން ނޫންކަމުގެ ޝަކުވާ އޮތެވެ. އެގޮތުން ސަރުކާރުގެ އެތެރޭގެ ހަރަދުތައް ކުޑަކޮށްފައި ނުވުމާއި ސިޔާސީ މަގާމުތައް މަދު ނުކުރުމުގެ ކަންބޮޑުވުންވެސް އޮތެވެ. އަނެއްކޮޅުން މެދުނުކެނޑި ދައުލަތުން އެކި ބޭނުންތަކުގައި ނަގަމުންދިޔަ ދަރަނިތައް ދިޔަައީ މައްޗަށެވެ. މުސާރަ ދިނުމުގެ ނަމުގައި މަރުކަޒީ ބޭންކު މެދުވެރިކޮށް ފައިސާ ޗާޕު ކުރުންވެސް ވެގެން ދިޔައީ އިގްތިޞާދީ ހިޔާލު ތަފާތުވުންތަކެއް އުފެދުނު ކަމަކަށެވެ. 2022 ވަނަ އަހަރު އެކަނިވެސް 3.9 ބިލިއަން ރުފިޔާ ޗާޕު ކުރި އެވެ.

ސަރުކާރުން ދެކޭ ގޮތުގައި ލޯނު ނެގުމަކީ ރައްޔިތުންގެ ތަރައްގީއަށް މުހިންމު ކަމެކެވެ. އަނެއްކޮޅުން ޓެކްސް ބޮޑުކުރީ މެދުކެނޑުމެއްނެތި ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމުގެ ބޭނުމުގަ އެވެ. އެއާއިއެކު މުދައްރިސުންގެ މުސާރަ ބޮޑު ކުރަން ނިންމީވެސް ޖީއެސްޓީން ދައުލަތަށް އިތުރުވާނެ ފައިސާއަށް ބަރޯސާ ވެގެންނެވެ.

ތަކެތީގެ އަގު އުފުލުން

ޓެކްސް ބޮޑުކުރަން ނިންމި ނަމަވެސް އެބަދަލު އައީ މިހިނގާ 2023 ވަނަ އަހަރެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގައިވެސް ތަކެތީގެ އަގު އުފުލުމެވެ.

ދެހާސް އެކާވިހުގެ ފަހުކޮޅު ދުނިޔޭގެ ލޮޖިސްޓިކްސް ޗެއިންއަށް އައި ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައެވެ. އާންމުކޮށް ދުނިޔޭގެ ގައުމުތަކަށް އިމްޕޯޓް ކުރާ މުދަލަކީ އެ އިގްތިސާދެއްގެ 47.14 އިންސައްތަ އެވެ. ނަމަވެސް، ރާއްޖޭގައި އިމްޕޯޓް ކުރާ މުދަލަކީ އިގްތިސާދުގެ 67.79 ކަމަށްވާއިރު މިގައުމަށް އެކަމުގެ އަސަރު ބޮޑު ތަނުން ކުރި އެވެ. މި ކަމުގެ އަސަރު، އެންމެ އާދައިގެ މުދަލުން ފެށިގެން، އެންމެ ލަގްޒަރީ މުދަލަށް ވެސް ކުރިއެވެ.

އެގޮތުން 2021 ވަނަ އަހަރުގައި ދުނިޔޭގެ އިންފްލޭޝަން 4.7 ޕަސެންޓްގައި ހުރިއިރު އޭގެ އަހަރެއް ފަހުން، 2022 ވަނަ އަހަރު އިންފްލޭޝަން ރޭޓު ބޮޑު ތަނުން މަތިވިއެވެ. އެ އަހަރުގެ އިންފްލޭޝަން ރޭޓް ހުރީ 8.8 ޕަސެންޓްގަ އެވެ.

ތަކެތީގެ އަގު އުފުލުނު އަނެއް ސަބަބަކީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އެވެ. ރަޝިޔާއާއި ޔޫރަޕުގެ ގައުމުތައް އެކަހެރިވުމުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލުނެވެ. މީގެ ސަބަބުން ދުނިޔޭގެ އިންފްލޭޝަން މައްޗަށް ދިޔަ އެވެ. މިކަމަށް އަހަރު ނިމުނު އިރުވެސް އޮތީ ހައްލެއް ނުލިބި އެވެ.

އައިއެމްއެފްގެ އިންޒާރު

ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފު ކުރި އެވެ. އެހެންނަމަވެސް ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ނިންމައިލެވެން ނެތްކަމަށް އެ ޖަމިއްޔާއިން ދެކެ އެވެ. އިގްތިޞާދީ ހާލަތު ބެލުމަށް އޮކްޓޯބަރު މަހު ކުރި ޒިޔާރަތަށްފަހު އައިއެމްއެފް އިން ބުނީ ރާއްޖޭގެ ދަރަނި ހުރި މިންގަނޑުން އިންތިހާއަށް ކަންބޮޑުވާކަމަށާއި، މީގެ ކުރީ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާގޮތަށް ދައުލަތުގެ ޚަރަދުތައް ވަރަށްބޮޑަށް ދަށްކުރަންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުން ދެމުންއަންނަ ސަބްސިޑީ އާއި އެނޫންވެސް ނަންނަމުގައި ފައިސާ ދެމުން އަންނަ އައުމާމެދު، ދެވަނަ ވިސްނުމަކަށްދާން ޖެހޭކަމަށް އައިއެމްއެފްއިން ނެރުނު ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ސަބްސިޑީ ދެމުން އަންނަ އުސޫލުވެސް މުރާޖައާ ކުރަން ޖެހޭކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފަ އެވެ. އައިއެމްއެފުން ނެރޭ ކޮންމެ ރިޕޯޓެއްގައިވެސް ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ދިނުމަށް ފާހަގަކުރެ އެވެ. އައިއެމްއެފުގެ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ދަރަނި މިދާގޮތަށް ކުރިއަށްދާނަމަ، ދަރަނި މެނޭޖުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ރިޒާވަށް ބާރުބޮޑުވެގެންދާނެ އެވެ. ރާއްޖޭގެ ދަރަނި ހުރި މިންގަނޑުން ރިޒާވް ދަށްވަމުން އަންނަކަން އައިއެމްއެފުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ރިޒާވް މައްޗަށް ދިޔުން

ނިމިދިޔަ އަހަރަކީ މިއިން ދުވަހަކު ދައުލަތުގެ ރިޒާވް ދަށަށް ނުދާވަރަށް ދިޔަ އަހަރެކެވެ. އެގޮތުން ޖުލައިގެ ނިޔަލަށް ރިޒާވްގައި ހުރީ 728.2 މިލިއަން އެމެރިކާ ޑޮލަރެވެ. އެންމެ ބޮޑަށް ދަށަށް ދިޔައީ އޮކްޓޯބަރު މަހެވެ. އެމަހު ރަސްމީ ރިޒާވުގައި ހުރީ 499.6 މިލިއަން ޑޮލަރު ނުވަތަ 7.6 ބިލިއަން ރުފިޔާ އެވެ. އިންޑިއާއިން 100 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރުމާއިއެކު ރިޒާވުގައި ހުރީ 604.2 މިލިއަން ޑޮލަރު ނުވަތަ 9.3 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭއިން ޔޫޒަބަލް ރިޒާވްއެއް ކަނޑައަޅަނީ ދައުލަތުން ދައްކަންޖެހޭ ދަރަނިތައް އުނިކުރުމަށްފަހު އެވެ. އެމް.އެމް.އޭގެ ރިޕޯޓުގައިވާ ގޮތުން އޮކްޓޯބަރު މަހު ދައުލަތުގެ ޔޫސަބުލް ރިޒާވްގައި ހުރީ 105.1 މިލިއަން ޑޮލަރު ނުވަތަ 1.6 މިލިއަން ރުފިޔާ އެވެ. އަހަރު ނިންމައިލިއިރު ދައުލަތުގެ ޔޫސަބަލް ރިޒާވްގައި ހުރީ 219 މިލިއަން ޑޮލަރު ނުވަތަ 3.3 މިލިއަން ރުފިޔާ އެވެ.

އުއްމީދީ އަހަރަކަށް ވެދާނެ

ޖީއެސްޓީ ބޮޑުކުރުމާއިއެކު ތަކެތީގެ އަގު އުފުލުނު ނަމަވެސް އިގްތިޞާދީ މަސައްކަތުގެ ގޮތުން މިފެށުނު 2023 ވަނަ އަހަރަކީ އުއްމީދީ އަހަރަކަށް ވެދާނެ އެވެ. ސަބަބަކީ ޗައިނާގެ ބޯޑަރުތައް ހުޅުވައިލުމާއިއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓު އަލުން ހުޅުވުމެވެ.

އެހެންނަމަވެސް ޓީޖީއެސްޓީ އިތުރުވުމާއި ގުޅިގެން ފަތުރުވެރިކަމަށް ކޮންމެވެސްވަރެއްގެ އަސަރުތަކެއް ކޮށްފާނެކަމަސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވެ އެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބޮޑުވުމަކީ ފަތުރުވެރިން ރާއްޖެ އައުމަށް ފަސްޖެހިދާނެ ކަމެއްކަމަށް އެފަރާތްތަކުން ދެކެ އެވެ.

އަނެއްކޮޅުން މިއަހަރަށް ފާސްކުރި ބަޖެޓަކީ ތާރީހުގައިވެސް ފާސްކުރި އެންމެ ބޮޑު ބަޖެޓެވެ. މިއާއިއެކު ރާއްޖޭގައި އިތުރުވަމުންދާ ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ނެތި ބަނގުރޫޓުވުމުގެ ބިރު އޮތްކަމަށް މާހިރުން ލަފާކުރެ އެވެ.

ސަރުކާރުން ދެކޭ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް މިއީ އުއްމީދީ އަހަރެކެވެ. ދަރަނި ދެއްކުމުގައި ރަނގަޅު ޕްލޭންތަކެއް ހަދާފައިވާކަމަށާއި އެހެންކަމުން އެކަމުގައި ދަތިތަކެއް ދިމާ ނުވާނެކަމަށް ސަރުކާރުން ދެކެ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!