ޚަބަރު

އައްޑޫ ސިޓީއަށް އިޤްތިޞާދީ ދިރުން ގެންނަން ބޭނުންވަނީ އެންމެ 15 މިލިޔަން ޑޮލަރު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ނަޝީދަށް މަރުޙަބާ ކިޔަން ސ. ހިތަދޫން ނިކުތް މީހުންނާއެކު ރައީސް ނަޝީދު ފޮޓޯއަކަށް ހުއްޓިވަޑައިގެން.. ފޮޓޯ/ސިމް، އެމްޑީޕީ

އައްޑޫ ސިޓީއަށް އިޤްތިޞާދީ ދިރުން ގެންނަން ބޭނުންވަނީ އެންމެ 15 މިލިޔަން ޑޮލަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑޫ އަށް ވަޑައިގެންނެވުމަށްފަހު ހިތަދޫ އެމްޑީޕީގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ޓޫރިޒަމްގެ ހަރަކާތްތައް ވެސް ހިންގަން ފެށީ އައްޑޫ ދަރިން ކަމަށާއި ނަމަވެސް 40 އަހަރުފަހުން ވެސް އައްޑޫގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ނުގެންދެވުމަކީ ރާއްޖޭގެ އެންމެ ބޮޑު "ފެއިލިއާ"އެވެ.

ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މުޅި އައްޑޫގެ އިގްތިސާދަށް ދިރުން ގެނެވުމަށް ބޭނުން ވަނީ 15 މިލިއަން ޑޮލަރު ކަމަށާއި އެގޮތުން އައްޑޫގައި 85 ގެސްޓްހައުސް ހެދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

"މިތަނުގައި މިހާރު ގެސްޓް ހައުސް ޓޫރިޒަމް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުގައި އެދިގެން ލިބިއްޖެ ބައެއް ހިލޭ އެހީ، އެ ހިލޭ އެހީގެ ދަށުން ގެސްޓް ހައުސް ހިމެނޭ ބިންތަކުގައި، ހިމެނޭ މަގުތަކުގައި މަގު ހަދާ ލެވިއްޖެ، އަދި 85 ބިމެއް ދޫކުރެވިއްޖެ، މިތަންތަން އެހެންނަމަވެސް އިމާރާތް ކުރެވޭކަށެއް ނެތް، އެއީ އެކަން ކުރާނެ ފައިސާ، ބިންތައް ނެގި ފަރާތްތަކަށް ހޯދެން ނެތިގެން." ރައީސް ނަޝީދު ވިދާޅުވީ، މުޅި އައްޑު އަތޮޅު، އައްޑޫ ސިޓީގެ ދިރުން ގެނައުމަށް ބޭނުންވަނީ 15 މިލިޔަން ޑޮލަރު ކަމަށެވެ.

"85 ގެސްޓް ހައުސް ހަދަން، ތަނެއްގައި 10 ކޮޓަރި އެޅިޔަސް ތީގެން ތަނެއް ފަސް، ހަ މިލިޔަން ރުފިޔާއަކަށްވުރެ ބޮޑުވެއެއް ނުދޭ. މުޅި ޖުމްލަ އަޅުގަނޑުމެން މި ދައްކަނީ 250 މިލިޔަނެއްހާ ރުފިޔާގެ ވާހަކަ، 15 ވަރަކަށް މިލިޔަން ޑޮލަރުގެ ވާހަކަ"

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، 32،000 މީހުންގެ އާބާދީއެއް ދޫކޮށްލާފައި، ކުޑަރަށެއް ބޮޑު ރަށެއް، ފަޅު ރަށެއް ނުބަލާ ކޮންކްރީޓް އަޅަމުން ގެންދާ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި އައްޑޫގައި އެ ގެސްޓް ހައުސް ހެދޭ އަގުގައި 27 މީހުން ދިރިއުޅޭ ރަށެއްގައި ބަނދަރެއް ހަދައިފި ކަމަށް ވިދާޅުވިއެވެ

"އަޅުގަނޑުމެންގެ ފައިސާ އެބަ ޚަރަދު ކުރަން ފުޓްސަލް ދަނޑުއަޅަން، މަލްޓި ޕާޕަސް ހޯލް އަޅާށާ، އެއްގަމު ތޮށި ލާށާ، ކަނޑު ތޮށި ލާށާ، މިހެން ގޮސް އެކި ބާވާތް ބާވަތުގެ އުމްރާނީ މަސައްކަތްތަކަށް. އުމްރާނީ މަސައްކަތްތައް އަޅުގަނޑުމެން ބޭނުން، އެކަމަކު ބޮޑަށް ބޭނުންވެގެން މި އުޅެނީ ތަނަވަސް ދިރުއުޅުމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިޤްތިޞާދީ ގޮތުން އައްޑޫ ހިންގާލެވޭނެ ފައިސާ ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓްގައި އެބަހުރި ކަމަށާއި އެއީ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ސަރުކާރުގައި އެދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އައްޑޫގައި 85 ގެސްޓް ހައުސް ހެދުމަށް ލުއި ލޯނު ދޭނެ ކަމަށާއި އަދި އެތަން މަރާމާތުކޮށް، ގެސްޓުން ވައްދާތޯ ގާތުން ބަލާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!