ދުނިޔެ

ޑިސެމްބަރު މަހުން ފެށިގެން ޗައިނާގައި ކޮންމެ 10 މީހަކުން އަށް މީހަކަށް ކޮވިޑް ޖެހިފައިވޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޑިސެމްބަރު މަހުގެ ކުރީކޮޅު އަޅާފައިވާ ފިޔަވަޅުތައް އުވާލި ފަހުން ޗައިނާގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ކޮވިޑް ޖެހިފައިވާ ކަމަށާއި ޑިސެމްބަރު މަހު ކޮންމެ 10 މީހަކުން އަށް މީހަކަށް ބަލި ޖެހިފައިވާ ކަމަށް ޗައިނާގެ ސިއްހީ އިދާރާތަކުން ބުނެފިއެވެ.

Ads by WAMCO

އާ އަހަރާއި ސްޕްރިންގް ފެސްޓިވަލް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗައިނާ ސަރުކާރުން ވަނީ ޒީރޯ-ކޮވިޑް ސިޔާސަތު ކުއްލި ގޮތަކަށް އުވާލާފައެވެ. މިއާއެކު އޮމިކްރޯން ކޭސްތަކުގެ ރާޅެއް ޗައިނާގައި ވަނީ ފެތުރިފައެވެ.

ހޮނިހިރު ދުވަހު ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ އެ ގައުމުގެ 1.41 ބިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ.

އަދި އާ އަހަރާ ދިމާކޮށް 12،658 މީހުން މަރުވެފައިވާ ކަމަށާއި މިއީ ޗައިނާގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަށް ވުރެ މާ ދަށް އަދަދެއް ކަމަށް ސީޑީސީން ބުންޏެވެ.

ޑިސެމްބަރު މަހު ކޭސްތައް އިތުރުވުމުގެ ސަބަބުން ޗައިނާގެ ޑޭޓާ އެއްކުރުމުގެ މަސައްކަތައް ވަނީ ހުރަސްއެޅިފައެވެ. އަދި އެ ގައުމުގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ގިނަވުމާއެކު، ރަސްމީ ޓެލީތަކަށް ބުރޫއަރާ ކަމަށް ބުނެ ޑަބްލިއުއެޗްއޯއިން ވަނީ ޗައިނާގައި ޑޭޓާ ޓްރާންސްޕޭރެންސީ ނެތް ކަމަށް ތުހުމަތުކޮށްފައެވެ.

މިއާއެކު ޗައިނާގެ ބެއިޖިންއިން ވަނީ އެ ތުހުމަތު ދޮގުކޮށް ޒީރޯ-ކޮވިޑް ޕޮލިސީ އާއި ކުއްލިގޮތަކަށް އެ ސިޔާސަތު ރޫޅާލުން ދިފާއުކޮށްފައެވެ. ބައެއް ސިއްހީ އޮފިޝަލުން ވަނީ ޑޭޓާގެ ތަފާތުތައް ގަބޫލުކުރި ނަމަވެސް މިއީ ސިއްހީ އިޖާބައަށް ސަމާލުކަން ދޭންވީ ވަގުތު ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!