ޚަބަރު ވިޔަފާރި

އަމްރުގެ ވިޝަނަރީ ވިސްނުން ހުރީ އިޤްތިޞާދީ ބޮޑު އިންގިލާބެއް ގެނައުމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ބޭނުމަކީ ރާއްޖެ އެންމެ އިންޑަސްޓްރީއަކަށް ރިލައި ވެފައި އޮތުމުގެ ބަދަލުގައި އިތުރު ބައިވަރު އިންޑަސްޓްރީތަކަކަށް ވަދެވުން، އަދި ބޭރުގެ ފައިސާ ރާއްޖެއަށް ވަންނާނެ އިތުރު ވިންޑޯސްތައް ބެލުން. އެއީ އެސްޓީއޯގެ އަމާޒަކީ"

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މި އަހަރުގެ އަމާޒު ހުރީ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށެވެ. ކޮވިޑާއެކު ޓުއަރިޒަމްގައި އެޅުނު ތަޅާއެކު ލިބުނު ތަޖުރިބާއާއެކު ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމެވެ. އެއް ސިނާއަތަކަށް ބަރޯސާވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގައި ވެއްޓުނު އަދަވަޅަށް ދެވަނަ ފަހަރު ނުވެއްޓެން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ ވިސްނުން "ދެން"އާ ހިއްސާ ކުރިއެވެ.

އެސްޓީއޯ އިން މިހާތަނަށް ބޮޑަށް ފޯކަސްކޮށްފައި އޮތީ ރާއްޖޭގެ ޓްރޭޑަށެވެ. އެއީ ރާއްޖޭގެ ފުޑް ސެކިއުރިޓީން ފެށިގެން މާކެޓް ސްޓޭބަލް ކުރުމުގައި ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. ކާޑުގެ ބާވަތްތަކުން ފެށިގެންގޮސް، ތެލާއި ކޮންސްޓްރަކްޝަން ސާމާނު ވެސް ރާއްޖެ އެތެރެކޮށް ވިއްކަނީ އެސްޓީއޯއިންނެވެ. އެހެންނަމަވެސް އެސްޓީއޯގެ މިހާރުގެ އަމާޒު ހުރީ އެއަށްވުރެ ދުރަށެވެ. އެމްޑީ އަމްރުގެ ވިސްނުން ހުރީ ރާއްޖޭގެ މާކެޓާއިއެކު ބޭރުގެ މާކެޓްގައި ވެސް އެސްޓީއޯއާއި ރާއްޖޭގެ އިމޭޖް ބޭނުން ކުރުމަށެވެ.

މިގޮތުން ފުރަތަމަ އަމާޒު ހިފާފައި ހުރީ ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލުގެ އަދަދު އިތުރު ކުރުމެވެ. ހަމައެކަނި މިދިޔަ ޑިސެންބަރު މަހަށް ބަލާާލި ކަމަށްވިޔަސް ރާއްޖެއަށް އިންޕޯޓްކުރި މުދަލުގެ އަދަދު އުޅެނީ 5.6 ބިލިޔަނުގައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ރާއްޖެއިން އެކްޕޯޓްކޮށްފައިވަނީ އެންމެ 299 މިލިޔަން ރުފިޔާގެ މުދަލެެވެ. އޭގެ ތެރެއިން 188 މިލިޔަނަކީ ގަޑުކޮށްގެން ރާއްޖެއިން ބޭރުކުރި ކަޑުމަހެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ވަރަށް މުހިންމު އެއް ބައެއް މީ، ރާއްޖޭގެ އެކްޕޯޓް މުދާ އިތުރުކުރުން. އެގޮތުން އަޅުގަނޑުމެން މިހާރު ޕީޕަލް ޗޮއިސް ބޮޑުކުރިއިރު އިންނާނެ ދިވެހި އުފެއްދުންތަކަށް ވަކި ޚާއްސަތަނެއް ހަދާފައި. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގައި ވަރަށް ބައިވަރު އެއްޗެހި ގިނަ މީހުން އުފެއްދުން. އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތަކީ އެކަހަލަ ރަނގަޅު އުފެއްދުންތައް ރާއްޖެއިން ބޭރުގައި އުފެއްދޭނެ ޕްލެޓްފޯމެއް ޤާއިމްކޮށްދިނުން." އަމްރުގެ ވިޝަން ކިޔާދެމުން ވިދާޅުވިއއެވެ.

"އަޅުގަނޑުމެން މަަސައްކަތް އެބަކުރަން މިފްކޯގެ މަސް ރާއްޖެއިން ބޭރުގައި ވިއްކޭނެ ގޮތެއް ހޯދުން. މިވަގުތު ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ، ރާއްޖޭގައި އުފައްދާ ދަޅުމަސް، ރާއްޖެއިން ބޭރަށް އެކްޕޯޓް ކުރަަން މިޖެހެނީ މެދުވެރިއެއް ބައިވެރިކޮށްގެން ކަމަށްވުން"

އަމްރު ވިދާޅުވީ، މެދުވެރިއެއްގެ ރޯލެއް ނުލާ އެސްޓީއޯއިން އެކްސްޕޯޓް ކުރަމުން އަންނަ މަސްދަޅު، މާކް ސްޕެންސާގެ ދަޅެއް ޝެލްފެއްގައި ބައިންދަން ވަރަށް އުދަނގޫ ކަމަށާއި އެކަމަށް ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. އަދި މަސްދަޅެއް ޑޮލަރަކަށްވުރެ އަގުހެޔޮކޮށް ވިއްކުމުން، އެތަނުގައި ވިއްކަނީ ފަސް ޑޮލަރަށްވުރެ އަގު ބޮޑުކޮށް ކަމަށާއި، މަސްވެރިންނަށް އޭގެ ސީދާ ފައިސާ ނުކުރާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ފިހާރައެއް ރާއްޖެއިން ބޭރުގައި ހަދަން. އެގޮތުގެ މަތިން އެކަން ކުރާއިރު، މަސް ދަޅު އެކަންޏެއް ނޫން، މަހާ ގުޅޭ އިތުރު ޕްރަޑަކްޓްތަކާއި އެ ނޫން ވެސް ޕްރަޑަކްޓް އެތަނުގައި ވިއްކަން" މަހުގެ އަގު އުފުލަދޭނެ، އަދި ޑޮލަރު ވެއްދޭނެ މަގެއް ކިޔައިދެމުން އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، މިހާރު އެސްޓީއޯގެ ވިސްނުން ހުރީ، ދުބާއީ މޯލްއެއްގައި ފިހާރައެއް ހަދަން ކަމަށެވެ. އެ ލޮކޭޝަންގައި ހަދަން ނިންމީ އެތަނަށް އަހަރަކު 10 މިލިޔަން ޓޫރިސްޓުންދާތީ ކަމަށާއި އުންމީދަކީ ޗެއިން އެއްގެ ގޮތުގައި، މޯލްޑިސް އިން ދުބާއީ، މޯލްޑިވްސް އިން ލަންޑަން، މޯލްޑިވްސް އިން ސްޕެއިން އުފެއްދުން ކަމަށެވެ.

ދެވަނައަކަށް އަމްރު ވިދާޅުވީ އިންޓަނޭޝަނަލް ބަންކަރިންގެ މަސައްކަތެކެވެ.

ޖިއޮގްރަފީގެ ގޮތުން ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ގޮތުން ރާއްޖޭގެ އެންމެ އުތުރުން ދުވާލަކު 300އެއްހާ އާގު ބޯޓު އެބަ ދަތުރުކުރެއެވެ. ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތި ގުޅުވާލަދޭ މައި މަގުގެ މެދުގައި އޮތް ރާއްޖެ ކައިރިން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ އާގުބޯޓެއް ދާއިރު، އެ ފަރާތްތަކަށް ރާއްޖެއިން ދެވޭނެ ސާވިސްއެއް ނެތެވެ. އަމްރު ސިފަ ކުރެއްވި ގޮތުގައި އެއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ އަންޓަޗްޓް މާކެޓެވެ.

އިހަވަންދިއްޕޮޅު އޮންނަ އަށް ޑިގްރީ ޗެނަލްއިން ދުވާލެއްގެ މައްޗަށް 300އެއްހާ އާގު ބޯޓާއި 500އެއްހާ މަސްދޯނި ދަތުރު ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަައެވެ. ތެޔޮއެޅުންފަދަ ޚިދުމަތެއް މިފަރާތްތަކަށް ދެވިގެން ގޮސްފިނަމަ، ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ޑޮލަރުގެ އަދަދު އިންތިހާއަށް އިތުރުވެގެންދާނެއެވެ.

ތިންވަނަ ވިސްނުމަކީ ރާއްޖޭގެ ޝިޕިން ކުންފުނި ފުޅާކުރުމެވެ. އަމްރު ވިދާޅުވި ގޮތުގައި މިހާރު ވެސް  ޝިިޕިން ކުންފުނި ހިނގަމުންދަނީ ފައިދާގައި ކަމަށެވެ. ރާއްޖެއަކީ ތާރީހީގޮތުން ބަލާއިރު ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝިޕިން ކުންފުންޏެއް އެއް ޒަމާނެއްގައި އޮތް ގައުމެކެވެ. ނަމަވެސް އެ ސިނާއަތް މުޅިން ހުއްޓިފައި އޮއްވާ މީގެ ތިން އަހަރެއް ކުރިން އެސްޓީއޯއިން ވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ނަމުގައި ކުންފުންޏެއް އުފައްދާ އަލުން މާކެޓްގެ ތެރެއަށް ވަދެފައެވެ. މިއަދު އެސްޓީއޯގައި ރާއްޖޭގެ ދިދަ ޖަހައިގެން ދުއްވަމުން އަންނަ 3 އާގުބޯޓު ބޯޓުއެބައޮތެވެ. އަދި ރާއްޖެއަށް ބޭނުންވާ މުދާ ބޮޑެތި އިންޓާނޭޝަނަލް ޕޯޓް ތަކުން ގެނެސްދެއެވެ. އަމްރުގެ ވިސްނުން ހުރީ ރާއްޖެއާ ހަމައިން ޝިޕިން ކުންފުނީގެ މަސައްކަތް ހުއްޓާލުމަކަށް ނޫނެވެ. ފަޚްރުވެރި ދިވެހި ދިދައިގެ ދަށުގައި ބޭރުގެ ޤައުމުތަކުގައި މި ޝިޕްތައް މަސައްކަތް ކުރުމަކީ އޭނާގެ ވިޝަންއެކެވެ.

ހަތަރުވަނަ ވިސްނުމަކީ ރާއްޖޭގައި ގޮދަން ފެކްޓްރީއެއް އެޅުމެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

"އަޅުގަނޑުމެން ޑިޕެންޑްވާން މިޖެހެނީ ކޮންމިސް ޤައުމަކުން ފުށާއި ހަނޑޫ ހަކުރު ގެނަން" މިހާރު ކަންކަން އޮތް ގޮތުން ރާއްޖޭގެ ފުޑް ސެކިއުރިޓީ އެ ހާބޮޑު ނޫން ކަމަށް އަމްރު ވިދާޅުވިއެވެ.

"މިވަގުތުގެ ޕްލޭންއަކީ ފެކްޓްރީއެއް ޤާއިމް ކުރުން. އޭރުންވެސް ގޮދަން ގެންނަން މިޖެހެނީ. ގެނެސް ޕްރޮސެސް ކުރަން މިޖެހެނީ އޭރުން ވެސް އަޅުގަނޑުމެންނަށް އެބަލިބޭ މިހާރު ލިބޭ 3-4 މަހުގެ ސެކިއުރިޓީއަށްވުރެ ބޮޑުކޮށް އެބަލިބޭ"

އަމްރު ވިދާޅުވީ ރާއްޖޭގައި ހަނޑުލާއި ހަކުރު އުފެއްދޭނެ ގޮތް ދިރާސާކޮށް ބަލާފައިވާ ކަމަށާއި ދެން އޮތީ އިންޕްލިމެންޓް ކުރުން ކަމަށެވެ.

  1. ޒީކް

    4 އަހަރު ނިމި ދިޔަ އިރު ތިޔަ ވިޝަނަރީކަމެއް ނުފެނުނު.. އޭގެ ބަދަލުގަ ޖީބަށް ބަރުކޮށް މާލޭން ބިން ގަނެލީ.. މިހާރު ވައިޓާ ބުރުވާލަފާނެހެން ހީވީމަ ކުއްލިޔަކަށް ވިޝަނަރީވީމަ ސުވާލުު އުފެެދޭ.. ތިޔައީ ގޭސް އެނބުރުން

  2. ވިކިލީކްސް

    ސުމަގުލް ކުރުމަށާއި މަނީ ލޯންޑާ ކުރުމަށް ޑުބާއީގައި އެސްޓީއޯގެ ބުރާންޗެއް ހުޅުވާނެވާހަކަ އަކީ މާކުރިން އަޑުއިވުނު ވާހަކައެއް.

  3. ގުންޕަތު

    ޙެހޭ. ޖާހިލުމީހާވެސް ޚިޔާލީ ފޮލާކައްކާނެ. ވާމީހުންނާއި ނުވާ މީހުންގެ ތަފާތަކީ ކަންތައްތައް ކުރުމާއި ނުކުކުރުން. ކުރެވެންހުރިކަމެއްވެސް ނުކޮ މަވާ މޮޅޭ ގޮވަމުން ދުވުން. ތިޔަ އަމްރު މިހާތަނަށް ކޮށްފަހުރިކަންތައްތަން ރައްޔަތުންނަށް ދައްކަބަލަ. ޢޭރުން ވާމިހެއްތޯ ނުވާމީހެއްތޯ އެނގޭނެ.

  4. ލޮނު

    ވަށައިގެން ކަނޑު އޮތް އިރު ލޮނު އުފެއްދޭނެ ގޮތެއް ނުބަލަންތޯ؟ ލޮނަކީވެސް ގިނަ އަދަދަކަށް އެތެރެކުރާއެއްޗެއް