ޚަބަރު

ޖީއެސްޓީ ބޮޑުވުމުން ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުންވެސް ޚިދުމަތުގެ އަގު ބޮޑު ކުރަން ފަށައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަރުކާރުން ޖީއެސްޓީގެ އަގު ބޮޑުކުރުމުން، ބައެއް ޓެކްސީ ޑްރައިވަރުން ޚިދުމަތުގެ އަގު ބޮޑު ކޮށްފިއެވެ.

ސަރުކާރުން ވަނީ، ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ ހަ އިންސްތައިން އަށް އިންސައްތައަށް ބޮޑުކޮށް، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން، އެއަށް ޢަމަލު ކުރަން ފައްޓަވައިފައެވެ.

މިއަދު ޓެކްސީއެއްގެ ޑްރައިވަރަކު ވަނީ "ދެން"ގެ ނޫސްވެރިއެއްގެ އަތުންވެސް މާލެ ތެރޭގެ ދަތުރަކަށް 40 ރުފިޔާ ނަގަން މަސައްކަތް ކޮށްފައެވެ. މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް، އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހިން  މާލެ އަށް 85 ރުފިޔާ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވީ ނަމަވެސް ބައެއް ޑްރައިވަރުން 100 ރުފިޔާ ނަގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑު ބަދަލު ގެނެއީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޓެކްސީގެ ޚިދުމަތުގެ އަގު ބޮޑު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވިޔަސް، އަގު ބޮޑުކޮށް ޚިދުމަތްދޭ ޑްރައިވަރުންނާމެދުގައި ފިޔަވަޅެއް ނޭޅޭކަމުގެ ޝަކުވާ ބޮޑެވެ.

ޖީއެސްޓީ ބޮޑު ކުރުމުން، މޭވާއާ ތަރުކާރީގެ ގިނަ ބާވަތްތަކުން ޖީއެސްޓީ ނުނެގޭ ގޮތަށް އޮތްނަމަވެސް، ގިނަ ތަކެއްޗާ ޚިދުމަތުގެ އަގުތައް، މި ބަދަލާއެކުގައި ވަނީ އުފުލިގެން ގޮސްފައެވެ. އެގޮތުން ކުރިން ނުވަ ރުފިޔާއަށް ލިބެން ހުންނަ އާފަލު، މިހާރު ބައެއް ފިހާރަތަކުން ވިއްކަނީ 13 ރުފިޔާއަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!