މުނިފޫހިފިލުވުން

“ލޯބިވެވިއްޖެ” މެއި 3 ގައި، ޓްރެއިލަރ ދައްކާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް ''ލޯބިވެވިއްޖެ'' ގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފިއެވެ.

Ads by STELCO

ފިލްމްގެ އޮފިޝަލް ޕޯސްޓަރ އަދި ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި މި މަހުގެ 24 ވަނަ ދުވަހު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ޙާއްސަ އިވެންޓެއްގައި އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ޢަމްރުއެވެ. 

މި އެވެންޓްގައި ފިލްމް ރިލީޒް ކުރާ ތާރީޚް ވެސް ރަސްމީކޮށް ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މި ފިލްމް ބެލުންތެރިންނާ ހަމަޔަށް ގެންނަން ނިންމާފައިވަނީ މި އަހަރު މެއި މަހުގެ 3 ވަނަ ދުވަހުއެވެ.

މި އިވެންޓްގައި ފިލްމުގެ ލީޑު ކާސްޓުންނާއި ފިލްމްގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ފިލްމީ ދާއިރާގެ ބައެއް ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ފިލްމަކީ 3 އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރު އޮލިމްޕަހުގައި ދެވަނަ އަށް އަޅުވާނެ ފިލްމެވެ.

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާގައެވެ. 

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ. 


މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީ
ން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. އަދި ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންއެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިންއެވެ. 

މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ. ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާއެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!