ޖަޕާން އިން ބުނަނީ ހަތިޔާރު ހުއްޓަސް ސުލްހަވެރި ވާނެ ކަމަށް
ޖަޕާންގެ އަސްކަރިއްޔާއަށް ހޭދަކުރާ މިންވަރު އިތުރުކޮށް ޒަމާނަށް ފައްތައި ކިތަންމެ ހަތިޔާރެއް ހޯދި ނަމަވެސް ޖަޕާނަކީ ސުލްހަވެރި ގައުމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ލިބިގަތުމާއި ބޭނުންކުން އަދި އުފެއްދުމަކީ ވެސް ޖަޕާނުން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން ގައުުމުގެ ދިފާއުގައި އަސްކަރީ ބާރުވެރިން ހޯދަން ޖެހިފައިވާ ކަމަށެވެ.
ޖަޕާނުން ހަތިޔާރު ހޯދައި އަސްކަރިއްޔާ ސަމާލުކުރުވަނީ ބައިނަލްއަގްވާމީ އަސާސްތަކާއި ގާނޫނުތަކާ އެއްގޮތަކަށް ކަމަށް ވެސް ފުމިއޯ ކިޝިދާ ވިދާޅުވި އެވެ. ސަރުކާރުން ހިންގާ އެއްވެސް ޕްރޮގްރާމެއް ޖަޕާނުގެ ގާނޫނުއަސާސީއާ ވެސް ހިލާފު ނުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޖަޕާންގެ އަސްކަރިިއްޔާ ބާރުގަދަކުރުމަށް އަަހަރީ ބަޖެޓަށް ބޮޑު ބަދަލެއް ގެނެސް, ހަމައެކަނި އަސްކަރީ ހޭދަތަކަށް 52.2 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. މިއީ ޖަޕާނުން ބޭރުގައި އުފައްދާ އަސްކަރީ އާލާތްތައް ހޯދުމަށް ބަޖެޓަށް ގެނައި ބަދަލެކެވެ.
ފުމިއޯ ކިޝިދާ ވިދާޅުވި ގޮތުގައި ޖަޕާން އަބަދުވެސް އޮންނާނީ ސުލްހަވެރި ގައުމެއް ގޮތުގަ އެވެ. އަދި ޖަޕާނަކީ އަސްކަރީ ބާރުވެރިކަން ޝަރަފަކަށް ހަދާނެ ގައުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޖަޕާނަށް ގެންނަ މި ބަދަލާ އެކު ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާން ދެމިއޮތުމަށް ނިޔަތްގަތް އުސޫލުތަކާއި ގާނޫނުތައް ބަދަލުވެގެން ދާނެ އެވެ. އަދި ޖަޕާން ދިފާއުކުރުމަށް ޖަޕާންގެ ރައްޔިތުންނަށް މުހިންމު ދައުރެއް ލިބިގެންދާނެ އެވެ.