އިންޑިއާގައި ހަމަޖެހުމާއި ޑިމޮކްރަސީ އަބަދުވެސް އޮންނާނެ ކަމަށް ދެކެން: ރައީސް ޞާލިޙް
އިންޑިއާގައި އޮތް ޑިމޮކްރަސީގެ ޖޯޝާއި، އިންސާފު އަދި ހަމަޖެހުން އަބަދަށް ދެމިއޮތުމަށް އެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ 74 ވަނަ ޖުމްހުރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް މިއަދު ރައީސް ކުރެއްވި ޓުވީޓެއްގައެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ދުވަސް ފާހަގަކުރަނީ އިންޑިއާގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާ ގުޅުވައިގެންނެވެ. އިންޑިއާގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީ ޖެނުއަރީ 26، 1950 ގަ އެވެ. އޭގެ ކުރިން ގާނޫނު އަސާސީގެ ބަދަލުގައި އަމަލުކުރަމުން ގެންދިޔައީ 'ގަވަރމަންޓް އޮފް އިންޑިއާ އެކްޓު 1935' އަށެވެ. އެއީ އިންޑިއާގައި އީސްޓު އިންޑިއާ ކޮމްޕެނީގެ ބާރު ހިނގިއިރު އެންމެ ފުރަތަމަ އެކުލަވާލެވުނު އަސާސީ ގާނޫނެވެ.
ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އިންޑިއާގެ ޖުމްހުރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ. އެގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީ ދަނީ ކުރިއަށް ކަމަށެވެ.
މި ވެރިކަމުގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ޒަމާނީ ގުޅުން ވަނީ އިތުރަށް ހަރުދަނާވެފަ އެވެ. އެގޮތުން މި ސަރުކާރުން މިހާރު ހިންގަމުންދާ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމާއި އަދި ތިލަ-މާލެ ބުރިޖަކީ އިންޑިއާގެ އެހީގެ ދަށުން އެ ގައުމުގެ ދެ ކުންފުންޏަކުން ހިންގަމުންދާ ދެ މަޝްރޫއެކެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރުވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވަޑައިގެންފަ އެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ނުރަސްމީކޮށް ހާރިޖީ ގުޅުން އޮންނަތާ އެތައް ގަރުނެއްވެފައިވާއިރު، 1965 ގައި ރާއްޖެ މިނިވަންވުމާއެކު އެންމެ ފުރަތަމަ ރަސްމީ ގުޅުން ގާއިމުކުރި އެއް ގައުމަކީވެސް އިންޑިއާ އެވެ.