ދުނިޔެ

ޕާކިސްތާނުގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 17 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގުއުތުރުގައިވާ ރަށެއްގައި ބަހަކާއި ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ކޯހަތްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައި ވަނީ އިންޑަސް ހައިވޭގެ ކޯހަތް ޓަނަލް ކައިރިން ކަމުގައި ކޯހަތްގެ އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި ޓްރަކް ޖެހިފައި ވަނީ ގިނަ ޢަދަދެއްގެ ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ބަހެއްގައެވެ. ބަހުގައި އެ ވަގުތު ތިބި މީހުންގެ ޢަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

ހުސްވި ހަފުތާގައި ވެސް ކޯހަތްގައި މި ފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ. ކޯހަތް ކައިރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ފެންގަނޑެއް ކަމުގައިވާ ޓަންޑާ ޑޭމް ލޭކް ފެންގަނޑުގައި ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލައި ހާދިސާގައި 51 މީހުން މަރުވިއެވެ. މީގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން ހުރިހާ އެންމެންނަކީ އަށް އަހަރާއި 14 އަހަރާއި ދެމެދުގެ ދަރިވަރުންނެވެ.

ދަރިވަރުން ދަތުރުކުރި ބޯޓުގެ ޖާގައަކީ 25 އެވެ. ނަމަވެސް، އެ ބޯޓުގައި 50 އަށްވުރެ ގިނަ މީހުން ވަނީ ދަތުރުކޮށްފައެވެ. މި ހާދިސާގައި ސަލާމަތްވެފައި ވަނީ އެންމެ ފަސް މީހުންނެވެ. އެއީ، ހަތަރު ދަރިވަރުންނާއި އެއް ޓީޗަރެވެ.

ޕާކިސްތާނަކީ މި ފަދަ ހިތާމަވެރި ބޯޓު އެކްސިޑެންޓުތައް ޢާންމު ޤައުމެކެވެ. މި ފަދަ ހާދިސާތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ، ޤަވާޢިދާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން އުފުލުމެވެ. ބޯޓު ބަންޑުންޖަހައިލި ހާދިސާ ހިނގި ދުވަހު، އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައި ބްރިޖެއްގެ މަތިން ދުއްވާފައި ދިޔަ ބަހެއް އެކްސިޑެންޓުވެ 40 މީހުން ވަނީ މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!