ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓަށް މުވައްްޒަފުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަމަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ގދ. ފަރެސްމާތޮޑާ އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ކޮށްފައިވާ އިޢުލާނުގައި ވަނީ ފަރެސްމާތޮޑާ އެއަރޕޯޓަށް ޖުމްލަ 45 މުވައްޒަފުން ހޯދުމަށް  އިއުލާންކޮށްފައެވެ.

އޭގެ ތެރޭގައި އެއަރޕޯޓު މެނޭޖަރ، އޮޕަރޭޝަންސް އޮފިސަރ، އެޑްމިން މުވައްޒަފުން، އެއަރޕޯޓު ސާފުކުރުމާއި ބަގީޗާތައް ބެލެހެއްޓުމުގެ މަސައްކަތް، ސިކިއުރިޓީ އެޖެންޓުން، ފަޔަރފައިޓަރުން ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގައި ޤާއިމުކޮށްފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ އިތުރަށް ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިން އިމާރާތް ވަނީ ތަރައްޤީކޮށްފައެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއަރޕޯޓުގެ ރަންވޭގައި ލައިޓު ހަރުކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓެސްޓްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!