ދުނިޔެ

އެމެރިކާއިން ވެސް ޗައިނާ ސަރަހައްދަށް ހުއްދަ ނެތި "ބެލޫންސް" ފޮނުވާފައިވޭ: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާއިން ވެސް ޗައިނާގެ ހުއްދައާ ނުލައި އެ ޤައުމުގެ ވައިގެ ސަރަހައްދަށް "ބެލޫންސް" ފޮނުވާފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

Ads by Sosun Fihaara

ހޯމަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވެންގ ވެންބިން މިފަދައިން ވިދާޅުވީ އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އެމެރިކާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 10 ފަހަރަކު ބެލޫންސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

ވެންގ ވެންބިން މިފަދައިން ވިދާޅުވެފައިވަނީ އެމެރިކާގެ ހުއްދައާ ނުލައި އެ ޤައުމުގެ ވައިގެ ސަރަހައްދަށް ޗައިނާއިން އުޅަނދުތަކެއް ފޮނުވާފައިވާތީ އެކަން އެމެރިކާއިން ކުށްވެރިކޮށް އެތަކެތި ވައްޓާފައިވަނިކޮށެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މި އުޅަނދުތަކަކީ ޗައިނާއިން ޖާސޫސްކުރަން ފޮނުވާ އުޅަނދުތަކެކެވެ.

ނަމަވެސް ޗައިނާއިން ބުނެފައިވަނީ އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު "ބެލޫން" އަކީ މޫސުމީ ބަދަލުތައް ދެނެގަތުމަށް ދިރާސާ ކުރުމަށް ބޭނުން ކުރާ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދު އެމެރިކާގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ އޮޅުމަކުން ކަމަށް ވެސް ވަނީ ބުނެފައެވެ. އެމެރިކާއިން ވަނީ އެ އުޅަނދާއެކު މިދިޔަ ހަފްތާގައިވެސް ޗައިނާގެ އުޅަނދުތަކެއް ކަމަށް ބެލެވޭ ބައެއް އުޅަނދުތައްް ވެސް ވައްޓާލައިފައެވެ.

އެމެރިކާއިން ޗައިނާގެ ބެލޫންގެ އިތުރުން ތިން އުޅަނދެއް ވައްޓާލާފައިވާއިރު އެއީ ވެސް ޗައިނާގެ އުޅަނދުތަކެއް ކަމަށް ތުހުމަތު ކޮށްފައިވާއިރު ވެންގ ވެންބިން ވަނީ އެ ތިން އުޅަނދާ ބެހޭ އެއް ވެސް މައުލޫމާތެއް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ އަމަލުތަކަކީ "އޯވަރ އެކްޓް" ކުރުމުގެ އަމަލުތަކެއް ކަމުގައި އޭނާ ސިފަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!