ޚަބަރު

މިއީ މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއް ނޫން: ވޭޖް ބޯޑް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅަކީ މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް މިނިމަމް ވޭޖް ބޯޑުގެ ރައީސާ، މަރިޔަމް ޚާލިދާ ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިނިމަމް ވޭޖަށް އާންމުންގެ ހިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހާލިދާ ވިދާޅުވީ މިނިމަމް ވޭޖުގެ ބޯޑުގެ ނިންމުންތައް ނިންމާފައިވަނީ ކޮރޯނާ ވައިރަހުގެ ކުރިން ކަމަށާއި މިހާރު ވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސާދަށް ވެސް އަސަރު ކުރަމުންދާ ކަމަށެވެ.

އަދި އެކަމުގެ އަސަރު ވަކިން ބޮޑަށް ރާއްޖެ އަށް ކުރާނެކަން ފާހަގަކުރައްވަމުން ހާލިދާ ވަނީ ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިިނިމަމް ވޭޖެއް ކަނޑައެޅުމުގައި މި ކަންކަމަށް ރިއާޔަތް ކުރުމަށް އެދިފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއިކީ އެންމެ ރަނގަޅު ވަގުތެއް ނޫން، މިނިމަމް ވޭޖެއް ކަނޑައަޅާކަށް، އިމްޕްލިމެންޓް ކުރާކަށް" ހާލިދާ ވިދާޅުވިއެވެ.

މިނިމަމް ވޭޖަކަށް 6،400 ރުފިޔާ ކަނޑައަޅަން ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާ ދީފައިވާއިރު، ހާލިދާ ވިދާޅުވީ މިނިމަމް ވޭޖުގެ ބޯޑުގެ ޗެއާކަމާއި ހަވާލުވިއިރު ތަފާތު އެކި ނަމްބަރުތައް ހުރި ކަމަށާއި ނަމަވެސް ބޯޑުން ނިންމީ އަމިއްލަ އަށް އެކަމާ ގުޅޭ ދިރާސާއެއް ފުރަތަމަ ކުރުމަށް ކަމަށެވެ.

އެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމުގައި ބޯޑުން ގިނަ ފަރާތްތަކާއި ބައްދަލުކޮށް، މަޝްވަރާކޮށްފައިވާނެ ކަމަށާއި އެގޮތުން ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިނިމަމް ވޭޖަކަށް ވާންޖެހޭނީ 10،000 ރުފިޔާ އިން މަތީގެ އަދަދެއް ކަމަށް ހާލިދާ ވިދާޅުވިއެވެ. ނަމަވެސް ބޯޑުން ބެލީ ވީހާވެސް ހަމަހަމަ ގޮތެއްގައި އަދަދެއް ނެރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބެލީ ވީހާވެސް ބެލެންސް އެޕްރޯޗެއް ގެނެވޭތޯ. އެގޮތުން އަޅުގަނޑުމެން ނެގީ 4،100 އާއި 8،600 އާއި ދެމެދުގެ އަދަދެއް. އެއީ 6،400 ރުފިޔާ" ހާލިދާ ވިދާޅުވިއެވެ.

މިނިމަމް ވޭޖެއް ފުރަތަމަ ކަނޑައެޅިގެންދާއިރު އިގްތިސާދަށް ރަނގަޅު އަދި ނުރަނގަޅު އަސަރުތަކެއް ވެސް ކުރާނެ ކަމަށާއި އެންމެ މުހިއްމީ ވީހާވެސް ގެއްލުން ކުޑަވާނެ ފަދަ ގޮތަކަށް މިނިމަމް ވޭޖެެއް ކަނޑައެޅޭތޯ ބެލުން ކަމަށްވެސް ހާލިދާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!