ޚަބަރު

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލައިފި

ކޮރޯނާވައިރަސް ފެތުރުމުގެ ބިރާއެކު އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަން ސައުދީ ސަރުކާރުން އިއުލާންކޮށްފިއެވެ.

ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ސައުދީގެ ރައްޔިތުންނަށް ވެސް އަދި އެގައުމުގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް އައިސްފައިވާ މީހުން އެނބުރި ގައުމަށް ފޮނުވާލުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސައުދީން ވަނީ މިދިޔަ ހަފްތާގައި އުމްރާގެ އަޅުކަން އަދާކުރުމަށް އެހެން ގައުމުތަކުން މީހުން އެގައުމަށް އައުން ވެސް ވަގުތީ ގޮތުން މަނާކޮށްފައެވެ.

މީގެއިތުރުން ސައުދީން ވަނީ މި ބަލި މިހާތަނަށް ފެނިފައިވާ ގައުމުތަކުގެ މީހުން އެގައުމަށް އެތެރެވުން ވެސް މަނާކުރަން ނިންމާފައެވެ.

ސައުދީން ވެސް މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސައުދީގެ އަވަށްޓެރި ގައުމުތަކުން ވެސް މި ބަލި ޖެހިފައިވާ މީހުން ވަނީ ފެންނަން ފަށާފައެވެ. އެގޮތުން މި ބަލި ޖެހިފައިވާ މީހުން އީރާނުން ވެސް ފެނިފައިވާއިރު އެ ބަލީގައި މިހާތަނަށް އެގައުމުން ވަނީ ގިނަ ބަޔަކު މަރުވެފައެވެ.

މީގެއިތުރުން ކުވެއިތާއި، ބަހްރެއިން އާއި އޮމާން އާއި ލުބްނާން އާއި އިރާގު އަދި ޔޫއޭއީއިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެނުނު މި ބަލީގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވެ 90،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!