ޗައިނާގެ ޓެކް ބިލިއަނަރު ބާއޯ ގެއްލިއްޖެ
އިންވެސްޓްމަންޓް ބޭންކް ޗައިނާ ރެނެސަންސްގެ ބިލިއަނަރު ޗެއާމަން ބާއޯ ފަން ގެއްލިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އެ ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ވެސް ހުންނެވި ބާއޯ ފަން އަކީ ޗައިނާގެ ޓެކް އިންޑަސްޓްރީގެ ބޮޑު ފަރާތެއް ކަމަށާއި އޭނާ ވަނީ އެކިއެކި ޑޮމެސްޓިކް އިންޓަނެޓް ސްޓާޓްއަޕްތައް އުފެދުމުގައި މުހިންމު ދައުރެއް އަދާކޮށްފައި ކަމަށް ވެސް މީޑިއަތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޗައިނާ ރެނެސަންސް އިން ހޮންކޮންގް ސްޓޮކް އެކްސްޗޭންޖަށް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބާއޯއާ ގުޅޭ ގޮތް ނުވާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
އެ ބަޔާނާ ގުޅިގެން އެ ބޭންކްގެ ހިއްސާގެ އަގު ވަނީ 30 ޕަސެންޓާ ހަމައަށް ދަށަށް ގޮސްފައެވެ. މާލީ ނިއުސް އައުޓްލެޓް ކައިސިން އިން ބުނި ގޮތުގައި އުމުރުން 52 އަހަރުގެ ބާއޯއަށް ނުގުޅޭތާ ބުރާސްފަތި ދުވަހާ ހަމައަށް ދެ ދުވަސް ވަނީ ވެފައެވެ.
އަދި އޭއެފްޕީން ގުޅުމުން ވެސް ޗައިނާ ރެނެސަންސްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. 2005 ވަނަ އަހަރު އުފެދުނު މި ގްރޫޕުން ވަނީ ލީޑިން އީ-ކޮމާސް ކުންފުނި ޖޭޑީ ޑޮޓްކޮމް ފަދަ ޑޮމެސްޓިކް އިންޓަނެޓް ޖަޔަންޓްތަކުގެ އައިޕީއޯތައް ސުޕަވައިޒްކޮށްފަ އެވެ.
ޗައިނާ ރެނެސަންސްގެ މައްސަލައަކީ ފާއިތުވި އަހަރުތަކުގައި އެގައުމުގެ އެންމެ މަތީ ފައިނޭންޝަރުންނާ ގުޅޭ ތަހުގީގުތަކުގެ އުސޫލެއް ހަނދާންކޮށްދޭ މައްސަލައެކެވެ.
2017 ވަނަ އަހަރު ޗައިނާ-ކެނެޑާގެ ވިޔަފާރިވެރިޔާ ޝިއާއޯ ޖިއަންހުއާ ވަނީ ބިމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށް، މިދިޔަ އޮގަސްޓް މަހު ކޮރަޕްޝަންގެ ދައުވާއެއްގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ހައްޔަރުކުރި އިރު ޝިއާއޯ އަކީ ޗައިނާގެ އެންމެ މުއްސަނދި އެއް މީހާ ކަމަށާއި އޭނާގެ މުއްސަނދިކަން 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ކައިސިން ބުނި ގޮތުގައި ޗައިނާ ރެނެސަންސްގެ ރައީސް ކޮންގް ލިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތުގެ ބޭންކް އައިސީބީސީގެ ފައިނޭންޝަލް ލީސިން ޔުނިޓުގައި އޭނާ ކުރި މަސައްކަތުގެ ތަހުގީގު ކަމާބެހޭ ފަރާތްތަކުން ފެށުމުންނެވެ.