ޚަބަރު

ރައީސް ޔާމީނަށް ކުރި ޙުކުމް އިސްތިއުނާފު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފިއެވެ.

Ads by MWSC

މިކަން ހާމަ ކުރައްވައި، ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފްކޮށްފައިވާ ކަމަށާއި ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ.

އަދި ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް ކަމަށް ވިދާޅުވެ، ޖަމީލު ވަނީ ރައީސް ޔާމީނަށް ކާމިޔާބީ ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ.

ވ. އާރަށް ދޫކުރުމުގެ ބަދަލެއްގެ ގޮތުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ރައީސް ޔާމީންގެ މައްޗަށް ކުރި ޙުކުމް އިސްތިއުނާފު ކުރިއިރު، އަންނަ މާޗު މަހު އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ޑރ.ޖަމީލު މީގެ ކުރިން ވިދާޅުވިއެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޑރ.ޖަމީލު ވިދާޅުވީ އިސްތިއުނާފު މަރުހަލާގެ ޝަރީޢަތާއި، ދަށު ކޯޓު މަރުހަލާގެ ޝަރީޢަތް މުޅިން ތަފާތުވާނެ ކަމަށެވެ. އިސްތިއުނާފު މަރުހަލާގެ ޝަރީޢަތްތައް ކުރިއަށްގެންދާނީ ވަރަށް ހަލުވި ކޮށްކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!