ޚަބަރު

އަމާޒާ ގާތަށް އިތުރު ފިޔަވަޅެއް ،88 ވަނަ މެރެތަންއިން ވެސް ކާމިޔާބެއް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން
އިއްޔެ ދެއްލީގައި ބޭއްވުނު މެރެތަންގެ ތެރެއިން.. ދެން އިމޭޖްސް/ ސަމާ

100މެރެތަން ހަމަކުރުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ކާމިޔާބު އެތުލީޓް ނަޞްރުﷲ އަޙުމަދުގެ 88ވަނަ މެރެތަން އިއްޔެ ފުރިހަމަކޮށްފިއެވެ.

Ads by Sosun Fihaara

ދިވެހި ޒުވާން އެތުލީޓުން އުފެއްދުމުގައި ވެސް ކާމިޔާބު ކޯޗެއްކަމަށްވާ ނަޞްރުގެ 88ވަނަ މެރެތަންއަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް އެޕޯލޯ ޓަޔަރ ނިއުދިއްލީ މެރެތަން 2023އެވެ. ނަޞްރު ވަނީ މި މެރެތަން 3ގަޑި 35 މިނެޓުން ނިންމައިފައެވެ.

މި މެރެތަންއާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަމުން ނަޞްރު ބުނީ ކުރިއަށް އޮތް ހަފްތާއެއްހައި ދުވަސްތެރޭގައި އިތުރު މެރެތަންއެއް އޮތުމާއެކު ޓާގެޓްކުރީ އިންޖަރީއެއް ނުލިބި، 4ގަޑިއިރު ތެރޭގައި ރޭސް ނިންމުންކަމަށާއި އެ ޓާގެޓް ޙާޞިލްކުރެވުނީތީ ހިތްހަމަޖެހޭ ކަމަށެވެ.

ނަޞްރުގެ 89ވަނަ މެރެތަން ފުރިހަމަކުރުމަށް ވެސް އޭނާ ވަނީ ތައްޔާރުވެފައެވެ. އެ ގޮތުން އަންނަ މަހު 5ގައި ތުރުކިޔޭގައި އޮންނަ ރަންޓާލިއާ މެރެތަންގައި ދުވުމަށް މަރޗް1ގައި ނަޞްރު އެ ގައުމަށް ފުރާނެއެވެ.

މިއީ މަހެއްހައި ދުވަހުގެ ތެރޭގައި ނަޞްރު ވާދަކުރާ ތިންވަނަ މެރެތަންއެވެ. އޭނާ ވަނީ މި މަހުގެ 12ވަނަ ދުވަހު އޮތް ދުބާއީ މެރެތަންގައި ވެސް ވާދަކޮށްފައެވެ.

އިއްޔެ ދިއްލީގައި އޮތް މެރެތަންގައި ނަޞްރުއާ އެކު ރާއްޖޭގެ ފިޓް ރަނަރސް ގުރޫޕްގެ ތިން އެތުލީޓަކު ވެސް ވަނީ ވާދަކޮށްފައެވެ. މި މެރެތަންގައި ނޭޕާލް، އިތިއޮޕިއާ، ޔޫކޭ، ބަނގްލަދޭޝް، ދިވެހިރާއްޖެ،ކެންޔާއާއި އެހެނިހެން ގައުމު ހިމެނޭހެން 3500އަށް ވުރެ ގިނަ ދުވުންތެރިން ވާދަކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!