ޚަބަރު

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ތަގުރީރުކުރައްވައިފި ، ރިޔާސަތުގައި ދިވެހިރާއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ތަގުރީރުކުރައްވައިފިއެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފައިވަނީ ދިވެހި ރާއްޖެއިންނެވެ.

Ads by STELCO

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ދިފާއުކުރުމަށް ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ތިން ބަހާގެ މައްޗަށް ކަމަށާއި، އެއީ; އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން ކުރިއެރުވުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވިގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ ތިން ބަހާ ވާނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ ކައުންސިލުގައި ރާއްޖޭގެ މަސައްކަތް ބިނާވާނެ ބަހާތަކަށެވެ.

2018ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން، ޑިމޮކްރަސީއާއި ހެޔޮ ވެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް މި ސަރުކާރުން ވި ވައުދު ފުރިހަމަކުރުމަށްޓަކައި ގާނޫނުތަކަށާއި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގައި ޖަވާބުދާރީވުން އިތުރުކުރުމަށާއި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށާއި، އިންސާފުވެރި ޝަރީއަތެއް ހޯދުމުގެ ހައްގު ކަށަވަރުކުރުމަށްޓަކައި އައު ގާނޫނުތަކެއް ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި; ހިއުމަން ރައިޓްސް ކޮމިޝަނުގެ މިނިވަންކަމާއި ޖަވާބުދާރީވުން އިތުރުކުރުމާއި، އިންތިގާލީ އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމާއި، ފުލުހުންގެ ޚިދުމަތް ހިންގުން ހަރުދަނާކުރުމަށްޓަކައި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމާއި މުޅިން އައު މަދަނީ އިޖުރާއަތުގެ ގާނޫނެއް ތައާރަފުކުރުން ހިމެނޭކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ދިފާއު ކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން އެނގެނީ 2019ވަނަ އަހަރު، އެކި ދާއިރާތަކުން އިންސާނީ ހައްގުތަކާގުޅޭ ކަންކަމުގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ލަފާދޭ ސްޕެޝަލް ޕްރޮސީޖަރސް މެންޑޭޓް ހޯލްޑަރުންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތުދީފައި ވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ކޮވިޑުގެ ސަބަބުން ކުރިމަތިވި ދަތުރުފަތުރުގެ ދަތިތަކާއެކުވެސް މިއަދާ ހަމައަށް ފަސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

2020ވަނަ އަހަރު ބޭއްވުނު ރާއްޖޭގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގައި އެކި ގައުމުތަކުން ފޯރުކޮށްދިން 187 ލަފާ ފުރިހަމައަށް ބަލައިގަނެ، 5 ލަފައެއްގެ ވަކި މިންވަރެއް ބަލައިގެންފައި ވާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ޓްރީޓީ ބޮޑީތަކަށް ރިޕޯޓުކުރުމާއި މޮނިޓަރކުރުމަށް ގައުމީ ފެންވަރުގައި ކަނޑައެޅިފައިވާ އިންތިޒާމުތައް މެދުވެރިކޮށް، އަބަދުވެސް އެއްބަސްވެފައިވާ ކަންކަން ހާސިލްވާ މިންވަރު ގާތުން ބަލަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!