ޚަބަރު

2023ގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓު ހޯދަން މަސައްކަތް ކުރާނަން: އުމަރު

ޕީޕީއެމްގެ ލީޑާޝިޕުން ޕްރައިމަރީއެއް ބާއްވައިފި ނަމަ 2023 ވަނަ ރިޔާސީ އިންތިހާބުގައި ނިކުންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިރޭ އުމަރު ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އެ ދޮރުން ވަންނަން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިންދަކު އެ މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

"ދޮރު ފަޅާފައި ވަންނާކަށް ވެސް މަސައްކަތެއް ނުކުރާނަން. ނަމަވެސް އުންމީދު ކުރަނީ 2023ގެ ކުރިން ޕީޕީއެމްގެ ލީޑާޝިޕުގެ އެންމެ މަތީ ދޮރު ހުޅުވި އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ލިބުން." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމް އިން ފުރުސަތު ނުލިބިއްޖެ ނަމަ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި ކުރިޔަސް މި އޮތް ހަތަރު ވަރަކަށް އަހަރު ތެރޭ ސިޔާސީ ޕާޓީއެއް އުފައްދަވެސް ފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އުމަރު ވިދާޅުވީ މި ސަރުކާރަކީ ލާދީނީ ސަރުކާރެކޭ ބުނެވޭ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އެގޮތުން ދީނާއި ގުޅުވައިގެން މި ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އުމަރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!