ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރެއް ނުޖެހޭނެ: ނަޝީދު

މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޕާޓީ ތެރެއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދެވެ.
ރޮޒެއިނާއަށް ނިސްބަތް ކޮށް ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގުރޫޕުގައެވެ.
"އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވަރ ބޭސް އާއިި ނެޓްވޯކެއް ނުހެދޭނެ. އެމްޑީޕީ އެއް ކައިރި ނުކުރެވޭނެ" ނަޝީދު ވިދާޅުވިއެވެ.
އެ ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.