ނަޝީދު، ފައްޔާޒަށް: ޕާޓީ ތެރޭ "ބުރޯ" ހެދިގެން ނޫޅޭ!
އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އެމްޑީޕީ ތެރޭގައި "ބްރޯ ހެދިގެން" ނޫޅުއްވުމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.
ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދާއިރު، މި މައްސަލައާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިގެން ގޮސްފައެވެ. އެގޮތުން ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި އަންނަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފައްޔާޒް ގެ އިތުބާރުނެތް ކަމަށް 30 މެމްބަރުން ސޮއިކުރެއްވުމުން ދެން ދިމާ ކުރާންވީ އެ މެމްބަރުންނާއި ނޫންކަމަށެވެ. އަދި ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅުއްވާ މެމްބަރުންގެ ދިފާއުގައި އެމަނިކުފާނު ނިކުމެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ފެންނަމުންދާ މަންޒަރަކީ މިނިސްޓަރު ފައްޔާޒް "ބޮޑުކަން ދައްކައި ނުފޫޒު ފޯރުވައިގެން ހުރިހައި ތަނަކަށް އަތް ބާނާ މަންޒަރު ކަމަށެވެ. އަދި ނުފޫޒު ބޭނުން ކުރައްވައިގެން އެކިއެކި ފަރާތްތަކަށް ފައްޔާޒު ކޮންޓްރެކްޓްތައް ދީ ހައްދަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
"ފަޔާވެސް މި ޕާޓީތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ. ނިޒާމުތެރޭގައި އުޅުއްވާ،"
ނަޝީދު
ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކަށް މިނިސްޓަރު ފައްޔާޒް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު އެމަނިކުފާނާއި ބެހޭ ގޮތުން ދައްކަވަނީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަގީގަތާއި ހިލާފް ދޮގު ވާހަކަތައް ނުދެއްކެވުމަށް އިހުތިރާމާއިއެކު އެދިވަޑައިގަންނަވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައިވާ އޮތް ގޮތަަކަށް ނިމިދާނެ. ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ބައެއް މީޑިއާތަކަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނީ ހީކޮށްގެން ހުރީ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށް ކަމަށާއި އަދި އެ މަސައްކަތް މެންބަރުން ވެސް ބަލައިގަންނަ ކަމަށް ހީކޮށްގެން ހުންނެވި ކަމަށެވެ.
އަދި އޭނާއަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މިނިސްޓަރަކަށް ވާއިރު އެކަން ކުރިން އޭނާއާ ހިއްސާކުރެއްވި ނަމަ ރަނގަޅުވީސް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.