ޗައިނާގެ ބިރަށް ޖަޕާނުން މިސައިލް އުފައްދަނީ
ޖަޕާނުން އާ މިސައިލެއް އުފެއްދުމަށްޓަކައި ފަންނީ މަސައްކަތްތައް މިއަހަރު ފަށާނެ ކަމަށް ޖަޕާންގެ ނޫސްތަކުން ބުނެފި އެވެ.
ޗައިނާ އާއި އުތުރު ކޮރެއާއިން ދީފާނެ ހަމަލާއަކުން ދިފާއުވުމަށް އުފައްދާ މިސައިލަކީ ބެލިސްޓިކް މިސައިލާއި އަދި އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލަށް ހަމަލާދީ ވައްޓާލެވޭ ފެންވަަރުގެ މިސައިލެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
ޖަޕާންގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި މިއަހަރު ވަނީ ވަރަށް ބޮޑު ބަޖެޓެއް ފާސްކޮށްފަ އެވެ.
ބޮޑުވަޒީރު ފުމިއޯ ކިޝިޑާގެ ސަރުކާރަށް ފާޑުކިޔުން ކުރިމަތިވެފައި އޮތް މި ބަޖެޓަކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް މަސައްކަތްތަކަށް ކުރެވޭ އިންވެސްޓްމަންޓެކެވެ.
ޖަޕާން އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހަތިޔާރު އުފެއްދުމާއި، އެއްވެސް ނަސްލަކާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުން އަމިއްލައަށް މަނާވެގެންފައި އޮތް ގައުމެކެވެ. އެހެންނަމަވެސް، އެ ސިޔާސަތު ދޫކޮށްލައި މިހާރު ވަނީ އެމެރިކާ އިން ހަތިޔާރު ގަތުމަށް އިންވެސްޓްކޮށްފަ އެވެ.
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ އަމަލުތައް ހުރި ގޮތުން ސިޔާސަތު ބަދަލުކުރަން ޖެހުނީ އެވެ. އަނެއްކޮޅުން ބާރެއް ނެތް ގައުމުތަކަށް ބާރުގަދަ ގައުމުތަކުން އަރައިގަތުން ބޮޑު ބިރަކަށް ވެފައި އޮތްއިރު ހަތިޔާރު ހޯދުމަކީ ޖަޕާނަށް ވާޖިބުވެފައި އޮތް ކަމެކެވެ.
ޖަޕާނުން އުފައްދާ މިސައިލްގެ މަސައްކަތްތައް މިއަހަރު ފަށައި 2027ގެ ކުރިން ނިންމާނެ ކަމަށް އޮތީ ބުނެފަ އެވެ. އަދި 2030 ގައި އޭގެ ބާރުގަދަ ވައްތަރެއް ވެސް އުފައްދާނެ ކަމަށް ވަނީ ބުނެފަ އެވެ.