ރިޕޯޓް ސިޔާސީ

ޝައުގެއް ނެތް ނިންމުމެއްގެ އިންތިޒާރުގައި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މީގެ ގާތްގަނޑަކަށް ފަނަރަ އަހަރު ކުރިއަށް ނަޒަރު ހިންގައިލަމާ ހިނގާށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޭރު އެންމެ ބާރުގަދަ ދެ ނަމަކީ ރައީސް މައުމޫނު އަބްދުލްޤަައްޔޫމާއި ރައީސް މުހައްމަދު ނަޝީދެވެ. ގާސިމް އިބްރާހީމާއި އުމަރު ނަސީރު ފަދަ ބޭފުޅުން ސިޔާސީ ގޮތުން ހަރަކާތްތައް ކުރިއަށް ގެންދިޔައެއްކަމަކު ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ނުފޫޒުގެ ކުރިމަތީގައި އެ ސިޔާސީ ފިކުރުތައް އޮތީ އިންތިހާއަށް ފަނޑުވެފައެވެ. ވަރަށް މަދު ރައްޔިތެއް ފިޔަވައި އޭރު ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ރައީސް މައުމޫނުގެ ނުވަތަ ރައީސް މުޙައްމަދު ނަޝީދުގެ ސަޕޯޓަރެކެވެ.

Ads by MWSC

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވަޑައިގެންނެވުމަކީ ރައީސް މައުމޫނުގެ ފުރަތަމަ ބައްޔެވެ. އޭގެ ފަހުން ޑީއާރުޕީ ބައިބައިވުމާއި ޕީޕީއެމް އުފެދި އެޕާޓީ ބައިބައިވުމާއެކު ރައީސް މައުމޫނުގެ ފިކުރު މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. އެހެންނަމަވެސް އިހު އޮތް ސިޔާސީ ފިކުރު ދިރުވުމަށްޓަކައި "މޯލްޑިވްސް ރީފޯމް މޫވްމެންޓް" ގެ ނަމުގައި ރައީސް މައުމޫނު އިސްވެ ހުންނަވައި މީގެ ފަސް އަހަރެއްހައި ދުވަސް ކުރިން ސިޔާސީ ހަރަކާތެއް އުފެއްދިއެވެ.

3000 މީހުންގެ ތާއީދު ހަމަނުވެ ސިޔާސީ ޕާޓީއެއްގެ ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް އެމްއާރުއެމް އަދިވެސް އޮތީ ނުކުޅެދިފައެވެ. އެހެންނަމަވެސް މިހާރު ވެރިކަމުގައި އޮތް ކޯލިޝަންގައި އެމްއާރުއެމްގެ ބައިވެރިވުންވެސް އެބަ އޮތެވެ. ސަރުކާރުގައި ހިއްސާވުމުގެ ކުޑަ އިންސައްތައެއް އެ ޕާޓީން ހިއްސާ ކުރިނަމަވެސް ކެބިނެޓުގައި އެޕާޓީ ތަމްސީލުކުރައްވާ ބޭފުޅުން މަދެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައިވެސް އެމްއާރުއެމްގެ ފިކުރު ހިއްސާވާ މިންވަރު ކުޑައެވެ.

އެމްއާރުއެމްއަށް ފަސް އަހަރު ވެގެން ދިޔައިރުވެސް ޕާޓީގެ މާބޮޑު ސިޔާސީ ހަރަކާތެއް ނެތެވެ. އަޑުވެސް އެހައިމެ މަޑެވެ. އެހެންކަމުން ސިޔާސީ ގޮތުން އެ ޕާޓީން ނިންމާ ނިންމުމަކުން ސިޔާސީ މަސްރަހަށް ބަދަލެއް އައިސްދާނެކަމަކަށް ނުބެލެވެއެވެ.

ކުރިއަށް އޮތީ އަނެއްކާވެސް ރިޔާސީ އިންތިޚާބެކެވެ. މިހާރު ސަރުކާރުގައި އޮތް ކޯލިޝަން އޮތީ ނުސީދާ ގޮތެއްގައި ރޫޅިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ނިކުންނާނެކަން އިއުލާން ކުރައްވާފައިވީނަމަވެސް ޤާސިމް އިބްރާހީމާއި ރައީސް މައުމޫނުގެ ތާއީދެއް އަދި އެމަނިކުފާނަކަށް ނެތެވެ. އަނެއްކޮޅުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދެއްވެސް ރައީސް ޞާލިހަކަށް ނެތެވެ.

އެމްއާރުއެމްގައި 3000 މެމްބަރުންވެސް ރަޖިސްޓްރީ ވެފައި ނެތެވެ. އެހެންކަމުން އެޕާޓީގެ މެމްބަރުންނަކީ ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ގާތްގަނޑަކަށް 1.3 އިންސައްތަ އެވެ. މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. ޚާއްސަކޮށް ސިޔާސީ ގޮތުން ވަކި ސްޓޭންޑެއް ނެގުމަށް އެޕާޓީއަށް ލިބޭ ފުރުސަތުގައި އަލިކަން ވަރަށް ފަނޑެވެ.

މިހާރު ފެތުރެމުންދާ އަޑުތަކަށް ބަލާއިރު ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބަށް ނުނިކުންނަވާނަމަ އެމްއާރުއެމްއިން ޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިފާނެއެވެ. ނުވަތަ ޤާސިމާއިއެކުވެސް ކޯލިޝަން ހައްދަވައިފާނެއެވެ. ރައީސް ޞާލިހަށްވެސް ތާއީދު ކޮށްފާނެއެވެ. ސުވާލަކީ މިއިން އެއްވެސް ނިންމުމެއް ސިޔާސީ މަސްރަހަށް މުހިންމު ހެއްޔެވެ؟

މިހާރު ސިޔާސީ މަސްރަހަށް ބަލާއިރު އެންމެ ތާއީދު ބޮޑު އެއް ލީޑަރަކީ ރައީސް ޔާމީނޭ ދެންނެވިދާނެއެވެ. އެއީ އެމަނިކުފާނު ގިނިކަންޏާ ނިކުންނަވައި 2018 ވަނަ އަހަރު 94،000 އެއްހާ ވޯޓު ހޯދާފައިވާތީއެވެ. ކޯލިޝަންގައި ފަސް ލީޑަރުން ތިއްބަވައި ހޯއްދެވުނީ 120،000 ވޯޓެވެ. މި ވޯޓު ބައިބަޔަށް ބެހިގެންދާނަމަ ރައީސް ޞާލިހަށް 50،000 އެއްހާ ވޯޓު ލިބިލައްވައިފާނެއެވެ. ޤާސިމް، ރައީސް ނަޝީދުގެ ތާއީދާއެކު ނިކުންނަވާނަމަ ގިނަ އަދަދެއްގެ ވޯޓު ޤަސިމަށް ލިބިލައްވާނެއެވެ.

ޕީޕީއެމުން ރައީސް ޔާމީން ނޫން ބޭފުޅަކު ނިކުންނަވާނަމަ މިޖަހާ ހިސާބު ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެމްއާރުއެމް ހިންގުމުގައި މިވަގުތު އިސްކޮށް ހުންނެވީ ރައީސް މައުމޫނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނެވެ. އެޕާޓީން ވަކި ކެންޑިޑޭޓެއް އިންތިޚާބަށް ނެރެފާނެކަމަކަށް ނުބެލެވެއެވެ.

އެހެންކަމުން ތާއީދު ކުރާނީ ނިކުންނަވާ ކޮންމެވެސް ކެންޑިޑޭޓަކަށެވެ. ހަގީގަތަށް ބަލާނަމަ އެޕާޓީގެ ނިންމުމަކުން ނަތީޖާއަށް މާ ބޮޑު ބަދަލެއް އަތުވެދާނެއެކޭ ދެންނެވޭކަށްވެސް ނެތެވެ. ފާރިސްއާއިއެކު އެމްއާރުއެމްގެ ސިޔާސީ ހަރާކަތްތައް ފަނޑުވެފައިވުމާއި ރައްޔިތުންނާއި އޮންނަ ގުޅުންވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާތީއެވެ.

އެމްއާރުއެމްއަށްވުރެއް މިއަދު ޤާސިމަށްވެސް ތާއީދު ބޮޑެވެ. އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރޭނަމަ އެ ޕާޓީއަށްވެސް އެމްއާރުއެމްގެ ކެނޑިޑޭޓަށްވުރެއް ގިނަ ވޯޓު ލިބޭނެކަމަށް ބެލެވެއެވެ. ނުވަތަ އިންތިޚާބުގައި ވާދަކުރައްވާ އަމިއްލަ ކެނޑިޑޭޓަކަށްވެސް ރައީސް މައުމޫނު ދައްކަވާ ކެނޑިޑޭޓަށްވުރެއް ގިނަ ވޯޓު ލިބިދާނެއެވެ.

ރައީސް ޞާލިހު ކުރިއަށް ގެންދަވާ ކޯލިޝަން މަޝްވަރާތަކުގައި އެމްއާރުއެމްއާއިއެކު މާގިނަ މަޝްވަރާތަކެއް ބާއްވަވާކަމަކަށް ނުބެލެވެއެވެ. ނުވަތަ އެވާހަކަތައް މީޑިއާއަށް ތިލަ ނުވަނީކަމަށްވެސް ވެދާނެއެވެ. އެމްއާރުއެމްއިން މިހާތަނަށް ވަކި ސްޓޭންޑެއް ނަގާފައެއް ނުވެއެވެ. ރައްޔިތުންގެ ޝައުގުވެރިކަންވެސް މިކަމަށް ހުއްޓިފައި ނެތެވެ. ސިޔާސީ ބޭފުޅުންގެވެސް މާ ބޮޑު ސަމާލުކަމެއް މިއަދު އެ ޕާޓީއަކަށް ނެތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!