ޓޭޒާ ގަން ބޭނުންކުރުން ހުއްޓާލުމަށް ގިނަ އަމިއްލަ ޖަމްއިއްޔާތަކަކުން ގޮވާލައިފި

ފުލުހުން ބޭނުންކުރަން ފަށާފައިވާ ޓޭޒާ ގަން ބޭނުންކުރުން ހުއްޓާލުމަށް ގިނަ އަމިއްލަ ޖަމްއިއްޔާތަކަކުން ގޮވާލައިފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުލުހުން ބޭނުން ކުރަން ފަށާފައިވާ ޓޭޒާ ގަން ނުވަތަ ކަރަންޓު ބަޑި ބޭނުން ކުރުން ވަގުތުން ހުއްޓާލުމަށް މިހާތަނަށް ހަތަރު ޖަމިއްޔާއަކުން ވަނީ ގޮވާލާފައެވެ. ޓޭޒަރ ބޭނުންކުރަން ނިންމި ނިންމުމުގައި ދެފުށްފެންނަ ގޮތެއް ނެތް ކަމަށް ބުނެ، އެ ނިންމުން ބަދަލު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލައި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)، ހޭންޑްސް ޓުގެދާ، މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ)، ރައިސް އަޕް މޯލްޑިވްސް، އަދި ސޭވް މޯލްޑިވްސްއިން ވަނީ ބަޔާނެއް ނެރެފައެވެ.
މިބަޔާނުގައި ބުނެފައިވާގޮތުން މީގެ ކުރިންވެސް ފުލުހުންގެ ނާގާބިލުކަމުންނާއި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ރާއްޖޭގައި އެތަށް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ލިބިފައިވާ ކަމަށެވެ. ބަޔާނުގައި ބުނީ ފުލުހުން ކަރަންޓު ބޭނުން ކުރަން ފަށާފައިވަނީ އާންމުންގެ މަޝްވަރާ ނުހޯދާ ކަމަށެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މީގެ ކުރިން ވިދާޅުވީ ހައި ވިޒިބިލިޓީ ޕޮލިސިންގެ ޓީމުތަކާއެކު އެނާޖީ ވެޕަން (ޓޭޒާ) ބޭނުން ކުރާނީ ސާޖެންޓް އަދި އެއަށް ވުރެ މަތީ ރޭންކުތަކުގައި ޓޭޒާ ގަން ބޭނުން ކުރުމުގެ ތަމްރީނު ދީފައިވާ ފަރާތްތަކުން ކަމަށެވެ.
މި ޓޭޒާ ގަން ބޭން ކުރާ ކޮންމެ ޕޮލިސް އޮފިސަރެއްގެވެސް ޔުނިފޯމްގައި ބޮޑީވޯން ކެމެރާ ހުންނާނީ ހަރުކޮށްފައެވެ. އެއްވެސް ހާލަތެއްގައި ޓޭޒާގަން ބޭނުންކުރާނަމަ، ބޮޑީވޯން ކެމެރާއަށް އެސަރަހައްދުގައި ހިނގާ ހުރިހާކަމެއް ރެކޯޑު ކުރެވިގެންދާނެއެވެ.







ކޮމެންޓް