ބައިޑަންގެ އެޑްވައިޒަރީ ކޮމިޓީއަށް އިންޑިއާ ދަރިކޮޅުގެ 2 މީހުން
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ޓްރޭޑް ޕޮލިސީ ކޮމިޓީއަށް އިންޑިއާ ދަރިކޮޅުގެ ދެމީހުން އައްޔަން ކޮށްފިއެވެ.
14 މެންބަރުން އައްޔަން ކުރާ މި ކޮމިޓީގައި ހިމެނި އިންޑިއާ ދަރިކޮޅުގެ ދެމީހުންނަކީ ފްލެކްސް ކުންފުނީގެ ސީއީއޯ ރެވަތީ އަދްވައިތީ އާއި ނެޗުރަލް ރިސޯސަސް ޑިފެންސް ކައުންސިލްގެ ސީއީއޯ މަނީޝް ބަޕްނާއެވެ.
ރެވެތި ނިސްބަތްވާ ފްލެކްސް ކުންފުންޏަކީ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި މެނުފެކްޗަރިންގެ ދާއިރާގެ މަސައްކަތްތައް ހަލުވި ކުރުމަށް އެހީވެދޭ ކުންފުންޏެކެވެ. އެ ކުންފުންޏާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ އަހަރަކު 20 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ޓެކްނޮލޮޖީ ކުންފުނި އީޓަންގެ ސީއޯއޯ އަކަށެވެ. މީގެ އިތުރުން ހަނީވެލް، އޫބާ އަދި ކެޓަލިސްޓް އޯގް ފަދަ ކުންފުނިތަކުގެ ބޯޑް ޑައިރެކްޓަރުކަންވެސް ކޮށްފައި ވެއެވެ. ފޯޗޫން މެގަޒިން އިން ހޮވާ ވިޔަފާރީގެ ދާއިރާގެ އެންމެ ނުފޫޒުގަދަ އަންހެނާގެ މަގާމުވެސް އޭނާ އެތައް އަހަރަކު ހޯދާފައި ވެއެވެ.
މަނީޝްއަކީވެސް ހިންގުމުގެ ދާއިރާއާއި ގާނޫނީ ދާއިރާގެ ތަޖުރިބާ ލިބި، ތިމާވެށީގެ ދާއިރާތަކުގައި ގިނަ މަސައްކަތްތަކެއް ކޮށް ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި އިގްތިސޯދީ ދާއިރާޖެ ފުންނާބު އުސް ތަޖުރިބާކާރެއްވެސް މެއެވެ.
ބައިޑަންގެ ސަރުކާރުގެ އިސް މަގާމުތަކަކަށް އިންޑިއާ ދަރިކޮޅުގެ މީހުން އައްޔަން ކުރާ އިރު، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ބައިޑަން އާ ވާދަކުރަން ނިކުމެ ތިބި މީހުންގެ ލިސްޓުގައިވެސް އިންޑިއާ ދަރިކޮޅުގެ ދެމީހުން ހިމެނެއެވެ. އެމީހުންގެ ސިޔާސަތުތައް އާންމު ކުރަމުން ގެންދާ އިރު، ޗައިނާ އާ ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވެ ހަރުކަށި ސިޔާސަތުތަކެއް ވަނީ އިއުލާން ކޮށްފައެވެ. އަދި އެމެރިކާ ދެކެ ރުޅިއަންނަ ގައުމުތަކާއި އެމެރިކާ އަށް އެއްޗެހި ކިޔާ ފަރާތްތަކާ މެދު ގެންގުޅޭނެ ހަރުކަށި ސިޔާސަތުވެސް ވަނީ އާންމު ކޮށްފައެވެ.
މުރާސިލުން ބުނާ ގޮތުން، ބައިޑަންގެ ސަރުކާރުގެ އިސް މަގާމުތަކަށް އިންޑިއާ ދަރިކޮޅުގެ މީހުން އަންޔަން ކުރަމުން މިގެންދަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ތާއީދު ހޯއްދެވުމާއެކު، އޭނާ އާ ވާދަކުރާ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވުމަށް ކުރައްވާ ކަމެކެވެ.