ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކަށް ވަންނަ ފޯމު އޮންލައިންކޮށް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް ޤާއިމުކޮށްފިއެވެ.

Ads by Sosun Fihaara

މި ޕޯޓަލް ޤާއިމުކޮށް، އިލެކްޝަންސް ކޮމިޝަނުން ވަނީ، ކަރުދާސް ފޯމުތައް ރައްކާކުރުމުގެ ޒިންމާ ޕާޓީތަކަށް މަތިކޮށްފައެވެ.

އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގައި ދަފުތަރުކުރުމަށް ފޯމުތައް ދެން ހުށައަޅަން ޖެހޭނީ “ސިމެދަ” ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އޭގެ އިތުރުން ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ކަރުދާސް ފޯމުތައް، ސިޔާސީ ޕާޓީތަކުން 10 އަހަރުވަންދެން ބަލަހައްޓަން ވާނެ ކަމަށް ޤަވާއިދުގައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައި ބުނެފައިވަނީ ސިޔާސީ ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން ވެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ފޯމެޓަށް އެ ޕާޓީއަކުން ފޯމެއް ތައާރަފު ކުރަންވާނެ ކަމަށެވެ.

އެ ފޯމު “ސިމެދަ” ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، ފޯމުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ފޯމުގައި ހިމަނަންޖެހޭ އިނގިލީގެ ނިޝާން އީސީއަށް ގަބޫލުކުރެވޭ ފެންވަރަކަށް ފެންނަން ހުންނަންވާނެ ކަމަށްވެސް ޤަވައިދުގައިވެއެވެ.

ޕާޓީތަކަށް މެމްބަރުން ވެއްދުމަށް އޮންލައިންކޮށް ފޯމް ހުށަހަޅަން ޖެހޭގޮތަށް ގަވާއިދަށް އިސްލާހު ގެނައިއިރު، ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީ ރަޖިސްޓްރީ ކޮށްފައިވެއެވެ.

އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ އެމްޑީޕީގައެވެ. އެޕާޓީގައި 57660 މެމްބަރުން އެބަތިއްބެވެ. ދެވަނާގައިއޮތް އިދިކޮޅު ޕީޕީއެމްގައި ތިބީ 38704 މެމްބަރުންނެވެ. ތިންވަނައިގައި އޮތް ޖޭޕީގައި ތިބީ 22607 މެމްބަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!