އެސްޓީއޯއިން ފިޔާ، ބިސް އަދި އަލުވި އިތުރަށް އަގުހެޔޮކޮށްފި
އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް އިތުރަށް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ އަދި އަލުވި ބަސްތާގެ އަގާއި ބިސް ކޭހުގެ އަގު ވަނީ ފަސް ޕަސެންޓް ހެޔޮކޮށްފައި ކަމަށެވެ.
ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފައެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު މިއަދުން ފެށިގެން ވަނީ 240ރ. އަށް ހެޔޮކޮށްފައެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފައެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ހޯލްސޭލް އަގު އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީ އެންމެ ހެޔޮ އަގުގައި ފަސޭހަކަމާ އެކު މި ބާވަތްތައް ރޯދަ މަހު ލިބޭނެ ގޮތް ހެދުމަށެވެ.
އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާ ލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި ވެސް އާ ހޯލްސޭލް ސެންޓަރެއް ހުޅުވައިފަ އެވެ. އަދި ހުޅުމާލޭ ދެވަނަ ފޭސްގެ ވިނަރެސް ފްލެޓް، ޓަވަރު 9ގައި ހުޅުވާ، ރޯދަ މާޓުން ވެސް ތަކެތި ހޯލް ސޭލް ކުރަން ވަނީ ނިންމައިފަ އެވެ.
އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި ބިސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ޒޯނުން، އިންވޮއިސް ކޮށްގެން ވަގުތުން ގަނެވޭނެ ކަމަށެވެ.
އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނެވެ. ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެއެވެ.