ޚަބަރު ސިޔާސީ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ކާކު ކަމާމެދު ސުވާލު އުފައްދާނެ ކަމެއް ނެތް: އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓަކީ ކާކު ކަމާމެދު ސުވާލު ނުއުފެއްދުމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާ ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ބޭއްވި އިހުތިޖާޖުގައި އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީީސް ޔާމީން ކަމަށާއި، އެކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ވެސް ނެތް ކަމަށެވެ. އަދި އެ ވާހަކަ ދެއްކުމުގެ ޙައްޤު، އެހެން ސިޔާސީ ޕާޓީތަކަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ވާހަކަ ދައްކަވަން އުޅުއްވާނެ ވެސް ކަމެއް ނެތް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެ ބަދަލެއް ނުކުރެވޭނެ. އެ ބަދަލު ކުރަން ވާހަކަ ދެއްކިޔަސް، އަޑު އަހާނެ މީހަކު ނެތް."

އަބްދުއްރަޙީމް ވިދާޅުވީ، ރައީީސް ޔާމީން ވިކަމަށް ގެންނަން ބޭނުންވަނީ، ދިވެހި ރައްޔިތުންނާ ޒުވާނުން ޤައުމާމެދު ދެކޭ ހުވަފެންތަކުގައި ކުލަ ޖައްސަން ކަމަށެވެ. އަދި ތަރައްޤީގެ މަގުގައި ދިވެހީން ހާސިލު ކުރަން ބޭނުންވާ ކަންކަން ހާސިލު ކޮށްދެވޭނީ އެ މަނިކުފާނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. އެ ދުވަހުން ފެށިގެން އިދިކޮޅު ސަޕޯޓަރުން އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ކޮންމެ ރެޔަކު މާލޭގައި އިދިކޮޅުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!