ޚަބަރު

ޙައްޖު ދަތުރުގައި ހިލޭ މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދަން އަނެއްކާވެސް އިޢުލާނު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރޭގައި، ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.

ޙައްޖުގައި ހިލޭ މަސައްކަތް ކޮށްދޭނެ މީހުން ހޯދަން، މީގެ ކުރިން އިޢުލާނު ކުރީ މާޗް 7 ގައެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އެ އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދެއްގެ މީހުން ކުރިމަތިލާފައި ނުވާކަމަށެވެ. އެހެންކަމުން އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފިރިހެނުން އެކަމަށް އެދި އަލުން ހުށައެޅުމަށް ހުޅުވާލާކަމަށް އިޢުލާނުގައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ މިކަމަށް އެދޭ ފަރާތްތަކަކީ، އަސާސީ ތައުލީމުގެ ފެންވަރުހުރި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްޙަތު ރަނގަޅު މީހަކު ކަމުގައި ވާންވާނެ ކަމަށެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި، ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ހައްޖާއި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

އަދި މިކަމަށް ޝައުގުވެރިވާ މީހުން، މާޗް 22ވާ ބުދަ ދުވަހުގެ މެންދުރު ތިނެއް ޖެހުމުގެ ކުރިން އެކޯޕަރޭޝަނަށް ހުށައެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!