ކުޅިވަރު

ސާފް ޗެންޕިއަންޝިޕް މިއަހަރު އިންޑިއާގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ޖޫން މަހަށް ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ ސިޓީ އަކީ އިންޑިއާގެ ބެންގަލޫރު ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމައިފިއެވެ.

Ads by MWSC

އެހެންކަމުން ބެންގަލޫރަކީ އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ހަތަރުވަނަ ސިޓީއެވެ. އެގޮތުން މީގެ ކުރިން ވަނީ 1999 ގައި ގޯއާ، 2011 ވަނަ އަހަރު ނިއު ދިއްލީ އަދި 2015 ވަނަ އަހަރު ޓްރިވެންޑްރަމުގައި ބާއްވާފައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުން ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އަހަރުގެ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ނޭޕާލުގައެވެ. އެއީ މި މުބާރާތް ބާއްވަން ކުރިން ބިޑް ކުރީ ނޭޕާލާއި ސްރީ ލަންކާ އެކަނި ކަމަށްވެފައި، ލަންކާ މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވުމުންނެވެ.

އެކަމަކު މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ ސާފުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު މި މުބާރާތް އިންޑިއާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ މުބާރާތުގެ ކޮމާޝަލް އަދި މާކެޓިން ރައިޓްސް ގަތް ސްޕޯޓްސް ޕާޓްނަރުން އެކަމަށް ބާރުއެޅުމުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން މި ފަހަރުގެ މުބާރާތުގައި ބައިވެރިކުރާނީ އެ ގައުމުގެ ޒުވާން ޓީމު ކަމަށް ވަނީ ބެލެވިފައެވެ.

ސާފް ޗެމްޕިއަންޝިޕް އަށް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާގައި މުބާރާތުގެ މެޗުތައް ކުޅޭއިރު، މި ފަހަރު ފުރަތަމަ ފަހަރަށް ޕާކިސްތާނުން އިންޑިއާއަށް ޓީމު ފޮނުވާނެ ކަމަށް ބެލެވެއެވެ. އެކަމަކު ދެ ގައުމުގެ ސިޔާސީ މަސްރަހުގެ ސަބަބުން އާންމުކޮށް އެއް ގައުމުގައި ބާއްވާ މުބާރާތްތަކަށް އަނެއް ގައުމުގެ ޓީމުތައް ދަތުރު ނުކުރެއެވެ.

މި މުބާރާތް އެންމެ ފަހުން ބޭއްވީ ރާއްޖޭގައެވެ. 2021 ވަނަ އަހަރު ކުރިއަށްދިޔަ އެ މުބާރާތް ކާމިޔާބުކުރީ އިންޑިއާއިންނެވެ. މުބާރާތުގެ ތަށި އިންޑިއާގެ އިތުރުން ދެން ހޯދާފައިވަނީ ރާއްޖެ އާއި، ބަންގްލަދޭޝް އާއި، އަފްޣާނިސްތާން އަދި ލަންކާއިންނެވެ. މީގެ ތެރެއިން ރާއްޖެއިން ވަނީ ދެ ފަހަރު ތަށި ހޯދާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!