ޚަބަރު

ދަޢުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ޤައުމީ ފެންވަރުގެ އިނާމެއް ދެއްވުމަށް ނިންމެވީ 2021 ވަނަ އަހަރުއެވެ.

މި އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވައިލައިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އިނާމަކީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމެކޭ އެއްފެންވަރެއްގައި ދެއްވާ އިނާމެއްކަމަށާއި، އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ މައިގަނޑު ކަންކަމުގެ ތެރޭގައި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، ޚިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކާއި، އެ މުއައްސަސާއަކުން ހިންގައިފައިވާ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިމެނެއެވެ.

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދެއްވުމަށްވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!